Ads by Farudhun

ޚަބަރު

މަނީ އެކްސްޗޭންޖް ގަވާއިދާ ހިލާފުވި ކުންފުންޏެއް ބައި މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މަނީ އެކްސްޗޭންޖް ގަވާއިދާ ހިލާފުވި ކުންފުންޏެއް ބައި މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އެމް.އެސް.ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

19 އޮކްޓޯބަރު 2026، 07:53

19 އޮކްޓޯބަރު 2026، 07:53

މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމާ ގުޅިގެން، އެމް.އެސް.ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 500,000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖަރ ލައިސަންސް ހިފަހައްޓައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މި ފިޔަވަޅު އަޅާފައިވަނީ ސުޕަވައިޒަރީ ފިޔަވަޅެއްގެ ގޮތުން 18 އޮކްޓޫބަރު 2026 ގައެވެ.

އެމްއެމްއޭއިން ވަނީ، ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ކުރިއަށް އޮތް ތަނުގައި ވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

އެމްއެމްއޭގެ މަނީޗޭންޖިން ވިޔަފާރިއާއި ބެހޭ ޤަވާއިދުގައިވާ ގޮތުން، މަނީޗޭންޖިން ވިޔަފާރިތައް މަރުކަޒީ ބޭންކުން ބޭނުންވެއްޖެ ހާލަތެއްގައި ސުޕަވައިޒް ކުރެވޭނެއެވެ. އެގޮތުން އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އަދި އޮތޯރިޓީން އަންގާ ވަގުތެއްގައި އެދޭ މައުލޫމާތާއި ލިޔެކިއުންތައް ހުށަހަޅަން ޖެހެއެވެ. މި ޤަވާއިދުގެ ދަށުން، ވިޔަފާރި ހިންގަމުންދަނީ ކަނޑައެޅިފައިވާ ޤަވާއިދާ އެއްގޮތަށްތޯ ބެލުމަށް އޮތޯރިޓީން އައްޔަން ކުރާ ފަރާތެއް މެދުވެރިކޮށް ނުވަތަ އެމްއެމްއޭގެ އޮފިސަރުން މެދުވެރިކޮށް އެތަނެއްގެ ރެކޯޑުތައް ބެލުމަށް އޮންސައިޓް އެގްޒެމިނޭޝަން ހިންގިދާނެއެވެ.

މި އެގްޒެމިނޭޝަންތަކުގައި ބޭރު ފައިސާ ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ވިއްކާތޯ ބަލައި ރެކޯޑުތައް އަޅާ ކިޔައެވެ. މިކަމުގެ ތެރެއިން ބޭރު ފައިސާގެ މުޢާމަލާތްތަކުގެ ރެކޯޑުތައް ދިމާނުވާނަމަ، ޖޫރިމަނާ ކުރުމާއި ލައިސަންސް ބާތިލްކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިދެއެވެ. މި ޤަވާއިދުގެ ދަށުން ލައިސަންސް ދީފައިވާ ވިޔަފާރިއަކުން ޤަވާއިދާ ޚިލާފުވާނަމަ 10،000ރ. އާއި 1،000،000ރ. ދެމެދުގެ ޖޫރިމަނާއެއް ކުރެވިދާނެއެވެ.

މި ޤަވާއިދުގެ ދަށުން ބޭރު ފައިސާ ގަނެވިއްކުމުގެ ވަކި ރޭޓެއް ކަނޑައަޅާފައިވާނަމަ އެ ރޭޓަކާއި ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމަކީ މަނާކަމެކެވެ. އަދި މިވަގުތު ރައްޔިތުންގެ މަޖިލީހުގައި އޮތް ބޭރުފައިސާގެ ޤާނޫނުގައި ވެސް މިކަން ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450