ޚަބަރު
މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތަކާއެކު ހޭންޑްބޯޅަ ކުޅުންތެރިންނަށް ބޮޑު ލުޔެއް ލިބޭނެ: ވަޒީރު ރާފިޢު
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު---
ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގެ އިތުރުން ވިލިމާލޭގައި އަލަށް ގާއިމުކުރާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ސަބަބުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޭންޑްބޯޅަ ކުޅެވޭނެ ވަސީލަތްތައް މަގުފަހިވެގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގައި އާންމުންގެ ފަރާތުން ހުށަހެޅުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ރާފިޢު ވިދާޅުވީ، ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 އިން ބިން ހަމަޖައްސައި، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފޭސް 2 ގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި، އޭގެ ފަހުން ފޭސް 1 ގެ މަސައްކަތް ވެސް ފެށޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ވިލިމާލޭގައި ވެސް އިންޑޯ ކޮމްޕްލެކްސްއެއް އެޅުމަށް އެމްބަސީއަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިހާރު ސޮއިކުރެވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މި ތަންތަނަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ހޭންޑްބޯޅަ ހިމެނޭހެން އެއްފަހަރާ ގިނަ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް ފަރުމާކުރެވޭ ވަސީލަތްތަކެކެވެ. މީގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް 7 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ބައިނަލްއަގުވާމީ ރީޖަނަލް ގޭމްސްއެއް ބޭއްވުމަށް ބޭނުންވާ ފެންވަރުގެ ވަސީލަތްތައް ގާއިމުކުރުން ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
"މި ތަންތަން އަޅުގަނޑުމެންނަށް ހެދުނީމަ، ކުޅޭ ޖަގައިގެ ދަތިކަން ވަރަށް ބޮޑަށް ލުއިވެގެންދާނެ. މި ތަންތަނަކީ ހޭންޑްބޯޅަ ވެސް ކުޅެވޭ ވަރަށް، ސްޓޭންޑަރޑް ސައިޒަށް، އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ފަރުމާކުރެވިގެންދާނެ ތަންތަން،"
ވަޒީރު ވިދާޅުވިއެވެ.
މާލޭގައި ހޭންޑްބޯޅަ ކުޅޭ ސަރަހައްދު އިންޑޯ ފެސިލިޓީއަކަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އައުޓްޑޯގައި މުބާރާތްތައް ބާއްވަން ޕްލޭންކޮށްފައި އޮއްވާ ވާރޭ ވެހިގެން މުބާރާތްތައް ފަސްވާން ޖެހުމުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. ޚާއްސަކޮށް އަތޮޅުތެރެއިން މާލެ އަންނަ ކުޅުންތެރިން މާލޭގައި މަޑުކުރަން ޖެހުމާއި، އެހެނިހެން ޕްރޮގްރާމުތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޯޓުތައް އިންޑޯ ފެސިލިޓީއަކަށް ބަދަލުކުރުމުން މޫސުމަށް ބެލުމެއްނެތި، ދުވާލުގެ ކޮންމެ ވަގުތެއްގައިވެސް މެދުކެނޑުމެއްނެތި މުބާރާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުތައް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، މި ފެސިލިޓީތައް ނިމުމުން މިހާރު ކުޅުންތެރިންނަށް އޮތް ޖާގައިގެ ދަތިކަމާއި ޕްރެޝަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ވަޒީރު ރާފިޢު ވަނީ ވިދާޅުވެފައެވެ.