ޚަބަރު
ތެލުގެ އަގު އުފުލުމުން ސަބްސިޑީ ބޮޑުވި، އެކަން ހަމަޖައްސަނީ ބަޖެޓުން: މާލީ ވަޒީރު
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު--
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވާ މާލީ ދަތިތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް ޓަކައި، ސަބްސިޑީގެ ނިޒާމުގެ ތެރެއިން އެ މާލީ ބުރަ ސަރުކާރުން އުފުލަމުންދާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، 2026 ވަނަ އަހަރުގެ މާޗް މަހު މެދުއިރުމަތީގައި ފެށުނު ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުއްލިއަކަށް އުފުލުމުގެ ސަބަބުން، ސަބްސިޑީއަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ހޭދަކުރަން ޖެހިފައިވާ ކަމަށެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކުރިން ކަނޑައަޅާފައިވަނީ 2.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އޮކްޓޫބަރު 8 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީގެ ހޭދަ ވަނީ 4.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިގޮތުން އިތުރުވި 1.4 ބިލިއަން ރުފިޔާގެ ބޮޑު ބައެއް ހޭދަވެފައިވަނީ ތެލުގެ ސަބްސިޑީއަށެވެ.
އަހާ ފޯރަމްގައި ވަޒީރު ވަނީ، މި އަހަރަކީ ރެކޯޑް މިންވަރަކަށް ދަރަނި އަދާކުރެވުނު އަހަރެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ދަރަނި އަދާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކުރީކޮޅުން ފެށިގެން ތައްޔާރުވާން ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން، ބޭރުފައިސާގެ ޤާނޫނު ތަންފީޒުކޮށް ބޭންކުތަކަށް ވަންނަ ޑޮލަރު އިތުރުކޮށް އަދި ދަރަނި އަދާކުރުމަށް ޓަކައި ސޮވްރިންގ ޑިވޮލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރަމުން ދިޔަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ވަޒީރު ވިދާޅުވި ގޮތުގައި، ސުކޫކް ސެޓްލްމަންޓަށް އެ ފަންޑުން 350 މިލިއަން ޑޮލަރު ބޭނުންކޮށްފައިވާއިރު، ބޭރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު ހޭދަވެފައިވެއެވެ.
ދަރަނި އަދާކުރުމާއި ސަބްސިޑީގެ ހޭދަ އިތުރުވުމުގެ ގޮންޖެހުންތަކާއެކު ވެސް، ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ބަޖެޓް ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން އެއްގުނަ (ސިންގަލް ޑިޖިޓް) ގައި ހިފެހެއްޓުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ނިމިދިޔަ އަހަރުވެސް ސަރުކާރުން ކާމިޔާބުކަމާއެކު ހާސިލުކޮށްފައިވާ އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.