ޚަބަރު
ކެމިކަލް އަދި ބައޮލޮޖިކަލް ނުރައްކާތަކަށް ތައްޔާރުވުމުގެ ގައުމީ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
ކެމިކަލް އަދި ބައިލޮޖިކަލް ނުރައްކާތަކަށް ތައްޔާރުވުމުގެ މަސައްކަތު ބައްދަލުވުން. ފޮޓޯ: އެންޑީއެމްއޭ
ދިވެހިރާއްޖޭގައި ދިމާވެދާނެ ކެމިކަލް އަދި ބައޮލޮޖިކަލް ކުއްލި ނުރައްކާތަކަށް ތައްޔާރުވުމާއި، އެފަދަ ހާލަތްތަކުގައި އިޖާބަދިނުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަގުސަދުގައި ހާއްސަ މަސައްކަތު ބައްދަލުވުމެއް ހޮޓެލް ޖެންގައި ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 13 އިން 15 އަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިސްނަގައިގެން، އެމްއެންޑީއެފް އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ. މި ޕްރޮގްރާމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އަދި ޑަބްލިއުއެޗްއޯ ސީއަރޯގެ ފަރާތުންނެވެ. ކަމާގުޅޭ އެކި މުއައްސަސާތަކުން ޖުމްލަ 50 އޮފިޝަލުން ބައިވެރިވި މި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ އެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ކެމިކަލް އަދި ބައޮލޮޖިކަލް ނުރައްކަލުގެ ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކާއި ކަމާގުޅޭ މުއައްސަސާތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމެވެ. މީގެ އިތުރުން، ދުރާލާ ނުރައްކާތައް ދެނެގަތުމާއި، އިދާރާތަކުގެ ދައުރު ފުޅާކުރުމުގެ އިތުރުން ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީވެސް މުހިންމު ބޭނުމެއްކަމަށް އެޗްޕީއޭއިން ބުންޏެވެ.
ތިން ދުވަހުގެ މި ތަމްރީނުގެ ތެރޭގައި ނުރައްކާތައް ވަޒަންކުރުމާއި، މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި، ރައްކާތެރިކަމުގެ އާލާތްތައް ރަނގަޅު ގޮތުގައި ބޭނުންކުރުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ. އަދި ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާގެ މިންގަނޑު ކަނޑައެޅުން ނުވަތަ ޓްރިއާޖް ހެދުމާއި، ވިހަ ތަޣައްޔަރުވުން ފިލުވުން ފަދަ އަމަލީ އަދި ފަންނީ ހުނަރުތައް ތަރައްގީކުރުމަށްވެސް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން ގައުމީ ފެންވަރުގައި އިޖާބަދިނުމުގެ ޕްލޭންތަކާއި ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ) ތައް ހަރުދަނާކުރުމަށް އިސްކަންދޭނެ ކަންކަންވެސް ވަނީ ކަނޑައަޅާފައެވެ.
ކުއްލި ހާދިސާއެއްގެ ސަބަބުން ކެމިކަލް ނުވަތަ ބައޮލޮޖިކަލް މާއްދާތައް ބޭރުވުމާއި، ގައިންގަޔަށް އަރާ ބަލިމަޑުކަމެއް ފެތުރުން ނުވަތަ ވިހަވުމާއި ތަޣައްޔަރުވުމުގެ ހާލަތްތަކަކީ އާންމު ސިއްހަތަށާއި މުޅި މުޖުތަމައުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ.
މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން މިފަދަ ނުރައްކާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ އިޖުރާއާތުތަކަށް ކަމާގުޅޭ މުއައްސަސާތަކުގެ ހޭލުންތެރިކަން އިތުރުވެ، ގައުމީ ފެންވަރުގައި ހުރިހާ އިދާރާތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.