ޚަބަރު
11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި
މި އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ވުޒާރާ
11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓު އެޅުމަށް، މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ ކުންފުންޏާއެކު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކާ މާގިރި ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މަސްވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބުއެވެ.
މި މަޝްރުއުގެ ދަށުން އައިސްޕްލާންޓު ގާއިމްކުރުމަށް ހަމަޖެހިފައިވާ ރަށްތައް:
- މ. މުލައް
- ދ. ހުޅުދެލި
- ހދ. ކުޅުދުއްފުށި
- ގއ. ނިލަންދޫ
- ގއ. ވިލިނގިލި
- ށ. ކޮމަންޑޫ
- ގއ. މަމެންދޫ
- އއ. ރަސްދޫ
- ހއ. ދިއްދޫ
- ކ. ގާފަރު
- ގދ. ރަތަފަންދޫ
މި ރަށްރަށުގައި މަސައްކަތް ކުރިއަށްދާނީ ފަރުމާކުރުމާއި، ބިނާކުރުން އަދި ތަކެތި ފޯރުކޮށްދިނުމުގެ އުޞޫލުންނެވެ. އަދި މަޝްރޫއުގެ ދަށުން އައިސް ޕްލާންޓެއް ފަރުމާކުރުމާއި ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކުރުމާއި، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދިނުން ހިމެނޭ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
އަދި ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެއިތުރުން، އައިސްޕްލާންޓް ބިނާކުރުމާއި، ހަރުކުރުމާއި، ޓެސްޓްކުރުން އަދި އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމާއި، ތަކެތި ގެންދިއުމުގެ ކަންކަން ވިލަރެސްކުރުމާއި، މަޝްރޫޢު މެނޭޖްކުރުމުގެ އިތުރުން ލިޔެކިޔުންތައް ތައްޔާރުކޮށް މަސައްކަތް ހަވާލުކުރުމުގެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. އަދި ވުޒާރާއާއެކު ވެވޭ އެއްބަސްވުމާ އެއްގޮތަށް ވޮރަންޓީ އާއި އާފްޓަރ-ސޭލްސްގެ ޚިދުމަތްތައް ވިލަރެސްކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މަޝްރޫޢު ނިމުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ތާޒާ އައިސް ފަސޭހަކަމާއެކު ލިބި، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ރައްޖޭގެ އެކިކަންކޮޅުތަކުގައި އައިސްޕްލާންޓައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރަމުންކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް ކަމަށާއި، ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުން ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައިކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.