ޚަބަރު
އިމްތިހާނަށް މަރުކަޒަށް ހާޒިރުވާން ޖެހޭ ގޮތަށް ބާ ކައުންސިލުން ގަވާއިދު ބަދަލުކުރުމުން މަޖިލީހަށް ޕެޓިޝަނެއް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑުތައް" ބަޔާންކުރާ ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން، ގާނޫނީ ދާއިރާގެ ދަރިވަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސް މަޖިލީހުގައި ފަށައިފިއެވެ. ބާ ކައުންސިލުން ގެނައި މި އިސްލާހުގެ ދަށުން، ގާނޫނީ ދާއިރާގެ ހުރިހާ އިމްތިހާނެއް ހަދަންޖެހެނީ މަތީ ތައުލީމުދޭ މަރުކަޒަށް ހާޒިރުވެގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ "ތްރެޝްހޯލްޑް ދޭއް" ހަމަވާ މިންވަރަށް، ޖުމްލަ 2129 މީހުން ސޮއިކޮށް ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ، މިހާރު ކިޔަވަމުންދާ ދަރިވަރުންގެ މައްޗަށް މި ބަދަލު ތަންފީޒުކުރުމަކީ އެ ކުދިންގެ މަސްލަހަތާއި ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ. ދަރިވަރުން ކޯހާ ގުޅުނީ އިމްތިހާނުތައް އޮންލައިންކޮށް ހެދޭނެކަމުގެ ގާނޫނީ ޔަގީންކަން އޮތް ނިޒާމެއްގެ ތެރެއިން ކަމަށްވުމުން، ކޯހުގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތެއް ބަދަލުކުރުމަކީ އިދާރީ ގާނޫނުން ކަށަވަރުކޮށްދޭ "މަގްބޫލު އުއްމީދުގެ ހައްގު" ގެއްލިގެންދާނެ ކަމެއް ކަމަށް ދަރިވަރުން ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު، އެކަށީގެންވާ އިންތިގާލީ މަރުހަލާއެއް ނެތި މާޒީއަށް އަސަރުފޯރާ ގޮތަށް ގަވާއިދު ތަންފީޒުކުރުމަކީ ގާނޫނުގެ ވެރިކަމުގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށާއި، މި ބަދަލުގެ ސަބަބުން އަތޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނާއި ވަޒީފާއާއި އާއިލީ ޒިންމާ އުފުލާ ދަރިވަރުންނަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާނެ ކަމަށް ޕެޓިޝަނުގައިވެއެވެ. އަދި ގާނޫނުއަސާސީގެ 36 ވަނަ މާއްދާއިން ލިބިދޭ ތައުލީމު ހާސިލުކުރުމުގެ ހައްގު ހަނިވެ، ކިޔެވުން މެދުކެނޑުމުގެ ބިރު އޮތުމުން، އިސްލާހުގެ ކުރިން ކޯހުގައި ބައިވެރިވި ދަރިވަރުން މި އުސޫލުން އިސްތިސްނާކޮށް، އިންތިގާލީ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ވަނީ އެދިފައެވެ.
މި ޕެޓިޝަނުގެ ބަހުސްގައި ވާހަކަދައްކަވަމުން މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ވިދާޅުވީ، ކޯހުގެ ފެންވަރު މަތިކުރުމަށް ގަވާއިދު އިސްލާހުކުރުމުގެ އިހުތިޔާރު ބާ ކައުންސިލަށް އޮތް ނަމަވެސް، ކޯސް ކުރިއަށްދަނިކޮށް މެދުތެރެއިން އުސޫލު ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެއްވެސް ހާލެއްގައި ބާ ކައުންސިލުން މިބަދަލު ގެނެސްގެން، ބާ ކައުންސިލުން މި ސްޓޭންޑާޑް ހައި ކޮށްގެން ނޫން މި އުޅެނީ. ދަރިވަރުންތަކެއް ކޯހުގައި ކިޔަވަމުން ދަނިކޮށް ކޯހުގެ މެދުތެރެއިން މި ބަދަލު ގެނައުމާ ގުޅިގެން ކަންބޮޑުވުން އައިސްފައި މިހުރީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެއީ އެންމެ ރަނގަޅުގޮތެއް ނޫން، ކޯހުގައި ކިޔަވާ ދަރިވަރުންނަށް އެ ކޯސް ފެށުނުއިރު ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބެންޖެހޭނެ،"
މެންބަރު ޙުސްނީ މުބާރަކް
މީގެއިތުރުން، ގާނޫނީ އާންމު ހަމަތަކުގައިވެސް ގަވާއިދުތަކާއި ގާނޫނުތައް މާޒީއަށް އަސަރުފޯރާ ގޮތަށް ތަންފީޒު ނުކުރެވޭނެކަން ޙުސްނީ މުބާރިކް ފާހަގަކުރެއްވިއެވެ.
"ގާނޫނީ އާއްމު އުސޫލަކީ ވެސް އާއްމު ހަމަތަކަކީ ވެސް، ގާނޫނުތަކުގައި ވެސް ހަމަ ރެޓްރޮސްޕެކްޓިވްކޮށް އެޕްލައިއެއް ނުކުރޭ ގަވައިދުތަކުގައި ވެސް. ރަޖުއީކޮށް އެ ތަތުބީއުކުރެވިގެންދާ އުސޫލެއް ނޫން މި އޮންނަނީ،" އޭނާ ވިދާޅުވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ، އައު އުސޫލުތައް ހިނގަންވާނީ ގަވާއިދު އިސްލާހުވި ފަހުން ފަށާ އައު ބެޗުތަކަށް ކަމަށެވެ. އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރޭގައި ފުލުހުންވެސް ގިނަ އަދަދަކަށް ހިމެނޭއިރު، އިމްތިހާނަށް މާލެ ދަތުރުކުރަންޖެހުމަކީ އެ ދަރިވަރުންނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.