ޚަބަރު
އަމީނީ މަގު ސެގްމަންޓް 3 ގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ
އަމީނީމަގު ހެދުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ތިންވަނަ ސެގްމަންޓުގައި އެމްސީ-30 ޕްރައިމް ކޯޓު އެޅުމުގެ މަސައްކަތް ނިންމައި، ތާރު އެޅުމުގެ އަމަލީ މަސައްކަތް 20 އޮކްޓޫބަރު 2026 ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް ނިމުމުން މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތިންވަނަ ސެގްމަންޓަކީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ދެމެދު އޮންނަ 1،924.77 އަކަމީޓަރުގެ ސަރަޙައްދެކެވެ. މި ސެގްމަންޓުގެ ބާ ތާރުތައް ނެގުމުގެ މަސައްކަތް އޮކްޓޫބަރު 4 ގައި ފަށާފައިވާއިރު، އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި ޕްރައިމް ކޯޓު ޖެހުމުގެ މަރުހަލާ މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
ތާރު އެޅުމުގެ މަސައްކަތަށްފަހު، އެ ސަރަޙައްދު ބޭނުންކުރަން ފެށުމުގެ ކުރިން ތާރުގަނޑު ހިކި، ހަރުވުމަށް (ކިއުރިންގ މަރުހަލާއަށް) އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށް ފަންނީ މާހިރުން ފާހަގަކުރެއެވެ. ޚާއްޞަކޮށް ހޫނުގަދަ މާހައުލެއްގައި ބަސް ފަދަ ބަރު އުޅަނދުތައް ދުއްވުމުގެ ކުރިން މި މުއްދަތު ދިނުމަކީ މަގު އަވަހަށް ހަލާކުވުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ތާރުގަނޑު ރަނގަޅަށް ހަރުވުމުން މަގުމަތީގެ ރައްކާތެރިކަމުގެ ނިޝާންތަކާއި ލައިންތައް ކުރަހައި، ދަތުރުފަތުރަށް އެ ސަރަޙައްދު ހުޅުވާލާނެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ ދެ ސެގްމަންޓެއްގެ މަސައްކަތް ނިންމައި ދަތުރުފަތުރަށް ހުޅުވާލާފައެވެ. އެއީ ދިވެހިރާއްޖޭގެ އަޑު އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް އޮތް ފުރަތަމަ ސެގްމަންޓާއި، އަޑު ކައިރީގެ ކަންމަތިތައް ހިމެނޭ ދެވަނަ ސެގްމަންޓެވެ. ތިންވަނަ ސެގްމަންޓް ނިމުމުން ދެން ފަށާނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް 1،148.91 އަކަމީޓަރުގެ ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތެވެ.
މިނިސްޓްރީ އޮފް ހައުސިންގ، އިންފްރާސްޓްރަކްޗަރ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ އަމީނީ މަގުގައި ކުރިން އަޅާފައިވާ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންތަކާއި ވަޅުގަނޑުތައް ހެދި، ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ.
ދައުލަތުގެ ބަޖެޓުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ދެ ފަށަލައަށް ތާރުއަޅައި، ދިގު މުއްދަތަކަށް ދެމިގެންދާނެ ފެންވަރު ރަނގަޅު މަގެއްގެ ގޮތުގައި އެ މަގު އަލުން ތަރައްޤީކުރުމެވެ.