ޚަބަރު
އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު: މާލީ ވުޒާރާގެ މުވައްޒަފުންނަށް ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފި
މި ސެޝަންގެ ތެރެއިން...
އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމަށް ވުޒާރާގެ ފަރާތުން ވަމުންގެންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ މަޢުލޫމާތު ސެޝަނެއް މާލީ ވުޒާރާއާއެކު އިއްޔެ ވަނީ ބާއްވާފައެވެ.
މާލީ ވުޒާރާގެ އިސްވެރިންނަށް ހާއްސަކޮށްގެން ބޭއްވުނު މި މަޢުލޫމާތު ސެޝަންގައި މި ހާއްސަ ޤައުމީ ކެމްޕެއިނާ ގުޅޭގޮތުން މަޢުލޫމާތު ދެއްވައި، މި މަޝްރޫޢުގެ ލަނޑުދަނޑިތަކަށް އަހުލުވެރިކުރުމުގެ މަޢުލޫމާތު ދިނުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދިވެހީންގެ ތެރޭގައި އިހުގައި އޮތް އެކަކު އަނެކަކަށް އިޙުތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަކީ 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ.
މިއީ ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމުގެ ރޫހާއި، އިޖުތިމާއީ ފޭރާން ގެއްލި ޒުވާނުންނާއި، މުޖުތަމައުގައި ބައިބައިވުން އުފެދި އެއްބަޔަކު އަނެއްބަޔަކު އޭރު އުޅެމުން އައި ހިތްހަމަޖެހޭ އެކުވެރި މާހައުލު ގެއްލެމުންދާކަމުގެ ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް ޤައުމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މަޤްސަދުގައި ސަރުކާރުން ފައްޓަވަން ނިންމެވި ކެމްޕެއިނެކެވެ.
މި ކެމްޕެއިން އެކުލަވާލުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކާއި، އަމިއްލަ އޮފީސްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން، ސިޔާސީ ޕާޓީތަކަށް ދަޢުވަތު އަރުވައި، އެ ފަރާތްތަކުގެ ބައިވެރިވުމަށް ވަނީ ހުޅުވާލައިފައެވެ. މި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޓަކައި ބަޖެޓާއި ޓައިމްލައިން ތައްޔާރުކޮށް ނިމިފައިވާ ކަމަށް ކެމްޕެއިން ވިލަރެސް ކޮމިޓީއިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.