ޚަބަރު
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު ދެ މީހަކު އަތުލައިގެންފި
މީގެ ކުރިން ރާއްޖެއަށް އެތެރެކުރަން އުޅުނު ޑްރަގުތަކެއް..
ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ ފަސިންޖަރަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މި ދެ މީހުން އަތުލައިގެންފައިވަނީ 25 ސެޕްޓެންބަރު 2026 ގައި ތައިލެންޑުގެ ބެންކޮކުން ރާއްޖެ އައި ފްލައިޓަކުންނެވެ. އެ ދެ ފަސިންޖަރުންގެ އަތްދަބަސް ފާސްކުރުމުގެ ތެރޭގައި އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން، ކަސްޓަމްސް އޮފިސަރުން ސުވާލުކޮށް އިތުރަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1183.8 ގްރާމް ހުރި ކަމަށާއި، އޭގެ ތެރޭގައި ޖުމްލަ 142 ބުލެޓް ހިމެނޭ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 708.2 ގްރާމްގެ ހެރޮއިން އާއި، 424 ގްރާމްގެ ކޮކެއިންގެ އިތުރުން 51.6 ގްރާމްގެ މޯފިންއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު ދެ ފަސިންޖަރަކު ކަސްޓަމްސްއިން އަތުލައިގެންފި. 🔹ތާރީޚް: 25 ސެޕްޓެންބަރު 2026 🔹ބާވަތް: 51.6 ގްރާމް މޯފިން، 424 ގްރާމް ކޮކެއިން، 708.2 ގްރާމް ހެރޮއިން 🔹ޖުމްލަ ބަރުދަން: 1183.8 ގްރާމް (142 ބުލެޓް) https://t.co/Xpiz2eAZWA
— Maldives Customs Service (@CustomsMv) October 19, 2026
މިފަދަ މައްސަލަތަކާއ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ތަހުގީގު ކުރިއަށް ގެންދިއުމަށް ޓަކައި އަތުލައިގަނެވޭ މަސްތުވާތަކެތި ހަވާލުކުރެވެނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއެވެ.
ފޮރުވައިގެންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އަދި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ކަސްޓަމްސްއިން ހާއްސަ ސަމާލުކަމެއްދީ، މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ޓަކައި ވަރުގަދަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.