ޚަބަރު
މަގުތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ލޮރީ ޑްރައިވަރުންނާ ވަޒީރު ސަޢީދު މަޝްވަރާކުރައްވައިފި
ވަޒީރު ސައީދު ލޮރީ ޑްރައިވަރުންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ވަޒީރު ސަޢީދުގެ އެކްސް
މާލޭ ސަރަޙައްދުގައި މުދާ އުފުލާ ލޮރީ ދުއްވާ ޑްރައިވަރުންނާ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައްދަލުކުރައްވައި، މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ލޮރީ ޑްރައިވަރުންގެ އެދުމުގެ މަތިން ބޭއްވުނު ބައްދަލުވުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، މާލޭގެ އެއްގަމު ދަތުރުފަތުރާ ގުޅުންހުރި ކަންކަން ހަރުދަނާކުރުމާއި، މަގުތައް ބޭނުންކުރާ އާންމު ރައްޔިތުންނާއި މަދުރަސާތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާން ވެއްޓެއް ޤާއިމުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ޑްރައިވަރުންނާ ވާހަކަދެއްކެވި ކަމަށެވެ. މީގެއިތުރުން، އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ވެސް ވަޒީރު ވަނީ އޮޅުންފިލުއްވައި، އެކަންކަމަށް ޑްރައިވަރުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މާލޭގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުފަހަރު ދުއްވާ މީހުންނަށް ވެސް މަގުތަކަކީ އެންމެ ފުރިހަމައަށް ރައްކާތެރި ތަންތަނަށް ހެދުން ކަމަށް މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން އެއްގަމު ދަތުރުފަތުރާ ބެހޭ އައު ޤާނޫނެއް މިހާރު ވުޖޫދުކޮށްފައިވާއިރު، އެ ޤާނޫނުގެ ދަށުން މާލޭ ސަރަޙައްދަކީ ޚާއްޞަ ޒޯނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން މި ސަރަޙައްދުގެ މަގުތަކުގެ އަމާންކަން ކަށަވަރުކޮށް ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.
ހަމައެއާއެކު، މާލޭ ސަރަޙައްދުގައި ރަޖިސްޓްރީކުރާ އުޅަނދުތަކުން ނަގާ ފީތައް ޚާއްޞަ ފަންޑަކަށް ޖަމާކޮށް، އެ ފައިސާ ހަމައެކަނި މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ދަތުރުފަތުރުގެ މައްސަލަތައް ޙައްލުކުރުމަށް ޚަރަދުކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
މާލޭގެ މަގުތަކުގެ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް ސަރުކާރުން ރާވާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށިގެންދާނެއެވެ.