Ads by Farudhun

ޚަބަރު

ލޭ ރައްކާކުރުމާއި ލޭ އެޅުމާ ގުޅޭ 2 އުސޫލެއް ތައާރަފްކޮށްފި

ލޭ ރައްކާކުރުމާއި ލޭ އެޅުމާ ގުޅޭ 2 އުސޫލެއް ތައާރަފްކޮށްފި

ލޭ އަޅާ ކުއްޖެއްގެ ގަޔަށް ލޭ ގުޅާފަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޮކްޓޯބަރު 2026، 04:35

19 އޮކްޓޯބަރު 2026، 04:35

ރާއްޖޭގައި ލޭ ރައްކާކުރުމާއި ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ފެންވަރު މަތިކުރުމުގެ ގޮތުން މުހިންމު 2 އުސޫލެއް ސިއްހީ ވުޒާރާއިން ތައާރަފްކޮށްފިއެވެ.

ސިއްހީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އުސޫލުތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ.

އަލަށް ތައާރަފްކުރި މިންގަނޑުތަކަކީ "ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް" އަދި "ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ" އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޚަދީޖާ އަބްދުއްސަމަދު ވިދާޅުވީ، މިއަދު އިފްތިތާޙުކުރެވުނު މިންގަނޑުތަކަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް ގެންގޮސްދޭނެ ވަރަށް ބޭނުންތެރި އުސޫލުތަކެއް ކަމަށެވެ. އަދި މިއީ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ޞިއްޙީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"މި އުސޫލުތައް ތައާރަފުކުރުމަކީ ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަދި ޞިއްޙީ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެއް." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ ތެރެއިން "ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް" އަކީ ރާއްޖޭގައި ހިންގާ ހުރިހާ ބްލަޑް ބޭންކުތަކާއި ލޭ އެޅުމުގެ ޚިދުމަތްދޭ މަރުކަޒުތަކުގެ ފެންވަރާއި، ރައްކާތެރިކަން އަދި އެއްހަމަކަން ކަށަވަރުކުރުމަށް އެކުލަވާލެވުނު ޤައުމީ އޮނިގަނޑެކެވެ. މީގެ އިތުރުން "ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ" ގެ ދަށުން ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޞިއްޙީ ހާލަތު ބެލުމާއި، ލޭ ލިބިގަންނަ ބަލިމީހުންގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށް ބޭނުންވާ މިންގަނޑުތައް ހަމަޖެހިގެންދާނެއެވެ.

މި ލިޔެކިޔުންތައް އެކުލަވާލުމުގައި އެހީތެރިވެދެއްވި ޓެކްނިކަލް ވަރކިންގ ކޮމިޓީތަކަށާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ)، އިންޓަރނޭޝަނަލް ސޮސައިޓީ އޮފް ބްލަޑް ޓްރާންސްފިއުޝަން، ދަ ހޮންކޮންގ ރެޑް ކްރޮސް ބްލަޑް ޓްރާންސްފިއުޝަން ސަރވިސް، އަދި ތައިލެންޑުގެ ނޭޝަނަލް ބްލަޑް ސެންޓަރުން ވެދެއްވި ފަންނީ އެހީތެރިކަން ފާހަގަކޮށް، ނޭޝަނަލް ބްލަޑް ކައުންސިލުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450