ޚަބަރު
އެލް.ޖީ.އޭގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލައިފި
ރައީސް އޮފީސް - ފޮޓޯ: ރައީސް އޮފީސް
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑަށް މަދަނީ ޖަމްޢިއްޔާތައް ތަމްސީލުކުރާ މެންބަރަކު ޢައްޔަންކުރުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ފުރުޞަތު ހުޅުވާލައްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، އެލް.ޖީ.އޭގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރުގެ މަޤާމު މިވަގުތު ހުސްވެފައިވާތީއެވެ. މިކަމާ ގުޅޭގޮތުން އެ އޮފީހުން މިއަދު ވަނީ ރަސްމީ އިޢުލާނު ޝާއިޢުކުރައްވާފައެވެ.
މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، އިޤްރާރުގެ އިތުރުން ކުށުގެ ރިކޯޑު ސާފުކުރާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ ނޮވެންބަރު މަހުގެ 1 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޯމުތައް ބަލައިގަންނަމުންދާނެ ކަމަށް އެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.