ޚަބަރު
އިސްލާމްދީނަށް ފުރައްސާރަކުރާ "ބޫގާ" ގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށައިފި
އިސްލާމްދީނަށް ހަޖޫޖަހާ ބޫގާ
މީސްމީޑިއާގެ އެކި މަންސަތަކުގައި އިސްލާމްދީނަށާއި ދީނީ ޝިޢާރުތަކަށް ފާޅުގައި ހަޖޫޖަހައި ފުރައްސާރަކުރަމުންދާ އަޙްމަދު ޢާމިރު (ބޫގާ) ގެ މައްސަލަ، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤުކުރަން ފަށައިފިއެވެ.
ޚާއްޞަކޮށް ޓިކްޓޮކް ފަދަ މަންސަތަކުގައި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ޢާމިރު، ދިވެހިރާއްޖޭގެ ޤާނޫނުގެ ކުރިމައްޗަށް ޙާޟިރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، ޢާމިރަކީ ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހަކަށް ވާތީ، އޭނާ ރާއްޖެ ގެނައުމަށްޓަކައި ގުޅުންހުރި ބައިނަލްއަޤްވާމީ އަދި ޤައުމީ ފަރާތްތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ. އަދި މިއީ ފުލުހުންގެ ފަރާތުން އެއްވެސް މިންވަރަކަށް ދޫކޮށްލާނެ މައްސަލައެއް ނޫން ކަމަށާއި، މި މައްސަލަ ވަރަށް ގާތުން މޮނިޓަރކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ތަރުޖަމާނު، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ވިދާޅުވީ، ޢާމިރާ ގުޅުންހުރި ކަންކަން ފުލުހުން ވަރަށް އިސްކަންދީގެން ބަލަމުން އަންނަ ކަމަށާއި، އޭނާ ދިރިއުޅެނީ ރާއްޖޭގައި ނޫން ކަމަށްވާތީ ކޯޑިނޭޓްކުރަންޖެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.
ބޭރު މީހަކާ ކައިވެނިކޮށްގެން، ޖަޕާނު ފަދަ ޤައުމުތަކުގައި ދިރިއުޅެމުންދާ ކަމަށް ޢާމިރު ބުނި ކަމުގައި ވިޔަސް، އޭނާ ދޭތެރެދޭތެރެއިން ރާއްޖެ އައިސްފައިވާކަން ވަނީ އެނގިފައެވެ. އޭނާ މީސްމީޑިއާގައި އިސްލާމީ ޢަޤީދާއަށް ގޮންޖަހައި ދައްކަމުންދާ ވާހަކަތަކުގެ ތެރޭގައި، މުސްލިމް ފިރިހެނުން ޚިތާނުކުރަން ނުޖެހޭނެ ކަމަށް ބުނުމާއި، އިސްލާމްދީނުގެ އަސާސްތަކަށް ކުޑައިމީސްކުރުން ހިމެނެއެވެ.
މީގެއިތުރުން، ޓިކްޓޮކް ލައިވްތަކުގައި ބަރަހަނާ ޙާލަތުގައި ފެނި، ދިވެހި މުޖުތަމަޢުގެ އަދަބުއަޚްލާޤަށް ބެލުމެއްނެތި ހިންގަމުންދާ ދަށުދަރަޖައިގެ ޢަމަލުތަކުގެ ސަބަބުން، ދިވެހި އެތައް ރައްޔިތުންނެއްގެ ނުރުހުމާއި ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި އޭނާއާމެދު ވީ އެންމެ އަވަހަކަށް ޤާނޫނީ ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.