ޚަބަރު
އިލްމުވެރިންގެ ގުޅުމަކީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން ހާމަވެ، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ
"އިލްމުވެރިންގެ ގުޅުމުގެ" ވެރިޔާ ޒަމްޒަމް ފާރިޝް
ދީނީ އަދި އިޖުތިމާއީ ކަންކަމުގައި ބަސްބުނެ، ބަޔާންތައް ނެރެމުންދާ "އިލްމުވެރިންގެ ގުޅުން" ނަމަކަށް ކިޔާ ހަރަކާތަކީ އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން ހާމަވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ ހަރަކާތަށް އަމާޒުވާން ފަށައިފިއެވެ.
ރާއްޖޭގެ އިޖުތިމާއީ އަދި ސިޔާސީ އެކި މައްސަލަތަކާ ގުޅިގެން މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި، ބަޔާންތައް ނެރެމުން އައި "އިލްމުވެރިންގެ ގުޅުން" މިއީ ޖަމްއިއްޔާއެއްގެ ބަދަލުގައި އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ތަނެކެވެ. މި ވިޔަފާރި ރަޖިސްޓްރީކޮށްފައި ވަނީ އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ އަދި އޭގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އައްޝައިހް ޒަމްޒަމް ފާރިޝްގެ ނަންމަތީގައެވެ.
އިލްމުވެރިންގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށްގެން ހަރަކާތްތެރިވަމުންދާތީ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެ ހަރަކާތުގެ އެތެރޭގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ފެކްޝަނުގެ ނުފޫޒު ވަރަށް ގަދަވެފައިވާ ކަމަށް އެ ހަރަކާތަށް ނިސްބަތްވާ ފަރާތަކުން ވަނީ ނަން ހާމަނުކުރުމަށް ޝަރުތުކޮށް މައުލޫމާތު ދީފައެވެ.
މި މައްސަލަތައް ފެންމަތިވެ، ހަރަކާތުގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި، އެ ހަރަކާތުގެ ރައީސްގެ މަގާމުގައި ހުންނެވި އައްޝައިހް މުހައްމަދު ހަލީމް ވަނީ މީގެ ދެތިން ދުވަސް ކުރިން އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް، އޭނާ އަދި އެ ހަރަކާތުގެ މެންބަރުކަމުން ވަކިވެފައެއް ނުވެއެވެ. ޖަމިއްޔަތުއްސަލަފުގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރެއް ކަމަށްވާ ހަލީމް އިސްތިއުފާ ދެއްވިއިރު، ސަލަފަށް ނިސްބަތްވާ އިސް އިލްމުވެރިންތަކެއް ވަނީ އެ ހަރަކާތް ދޫކުރައްވައި ވަކިވެވަޑައިގެންފައެވެ.
އޭގެ ތެރޭގައި ސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ މުހައްމަދާއި، އެ ޖަމިއްޔާގެ ކުރީގެ ނައިބު ރައީސް އަދި މިހާރުގެ ތަރުޖަމާން އައްޝައިހް ހަސަން މޫސާ ފިކުރީގެ އިތުރުން ޑރ. އަލީ ޒާހިރު ހިމެނިވަޑައިގަންނަވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިލްމުވެރިންގެ ގުޅުމުގެ އެތެރޭގެ މަސްލަހަތު ގެއްލި، އިސް ބޭފުޅުން ވަކިވެވަޑައިގަންނަވަން ފެށީ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޝެއިހް ޒަމްޒަމް ފާރިސް އަމިއްލަ ގޮތުންނާއި އެ ހަރަކާތުގެ ނަމުގައި ކަންބޮޑުވުންތައް ފާޅުކުރައްވައި، މައުލޫމާތުތައް އާންމުކުރަން ފެއްޓެވި ހިސާބުންނެވެ.
ޝެއިހް ޒަމްޒަމް ފާރިޝްގެ މި އަމަލުތަކާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވާއިރު، އިލްމުވެރިންގެ ގުޅުމަކީ ވަކި ބައެއްގެ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ހިންގާ އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ގިނަ ބަޔަކު މިހާރު ދަނީ ސިފަކުރަމުންނެވެ.