ޚަބަރު
ވަޒީރު ހީނާ ޗައިނާގެ ޤައުމީ އަރުޝީފަށާއި ޒެޖިއަންގް ލައިބްރަރީއަށް ޒިޔާރަތްކުރައްވައިފި
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު---
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޤައުމީ އަރުޝީފަށާއި، ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ޒިޔާރަތްކުރައްވައިފިއެވެ.
ޗައިނާގެ ހަންގްޒޫގައި ހުންނަ ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރއަށް ވަޒީރު ހީނާ ވަލީދު ކުރެއްވި ޒިޔާރަތުގައި، އެ ޤައުމުގެ ތާރީޚީ ލިޔެކިޔުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އަންނާން އޮތް ޖީލުތަކަށް ސަގާފީ ހަނދާންތައް ދެމެހެއްޓުމުގައި ލިޔުންތެރިކަން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައި، އެ ކަންކަން ބައްލަވާލައްވާފައިވެއެވެ.
ޗައިނާއަށް ކުރައްވާ މިދަތުރުފުޅުގައި ވަޒީރު ވަނީ، ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ވެސް ޒިޔާރަތްކުރައްވައި، ލިޔެކިޔުންތަކުގެ ތަރިކަ ރައްކާތެރިކުރުމާއި، މަޢުލޫމާތާއި ޢިލްމު ފެތުރުމުގެ އިތުރުން، ފޮތްކިއުމުގެ އާދަ އަށަގަންނުވައި އުމުރަށް ދެމިގެންދާ އުނގެނުމަށް ބާރުއެޅުމުގައި އެ ކުތުބުޚާނާއިން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ޗައިނާއަކީ ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމުގައި އެހެން ޤައުމުތަކަށް ނަމޫނާ ދައްކާ ޤައުމެކެވެ. އެގޮތުން ދާއިރާގެ ކަންކަމުގައި ޗައިނާއިން ގެންގުޅޭ އީޖާދީ ވިސްނުން އެހެން ޤައުމުތަކަށް ޚާއްސަކޮށް އޭޝިއާގެ ޤައުމުތަކަށް ޙިއްސާކުރުމަށް ޗައިނާއިން އަބަދުވެސް އިސްކަން ދެއެވެ.
ވަޒީރު ހީނާ ވަލީދުގެ މި ދަތުރުފުޅަކީ ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރުމަށް އޭޝިއާގެ ޤައުމުތައް ގުޅިގެން އުފެދުނު ފުރަތަމަ ޖަމިއްޔާގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.