ޚަބަރު
ރާއްޖޭން ބުރުނާއީއަށް ކަނޑައެޅުއްވި ސަފީރު ޑރ. ޝަބީނާ ފަތްކޮޅު އަރުވައިފި
މި ރަސްމިއްޔާތުގެ ތެރެއިން..
ދިވެހިރާއްޖެ އިން ބުރުނާއީ ދާރުއްސަލާމަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެޤައުމުގެ ރަސްގެފާނު ސުލްޠާން ޙާޖީ ޙަސަނަލް ބޮލްކިއާ މުޢިއްޒައްދީން ވައްދައުލާއަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ހެނދުނު ބުރުނާއީގެ ރިޔާސީ ގަނޑުވަރު، އިސްތާނާ ނޫރުލް އީމާންގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރަސްގެފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބުރުނާއީގެ ރަސްގެފާނަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ބުރުނާއީގެ ރަސްގެފާނު ވަނީ ސަފީރު ޑރ. ޝަބީނާއަށް މަރުޙަބާ ވިދާޅުވެ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގައި ބުރުނާއީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ސަފީރު ޑރ. ޝަބީނާގެ ވާހަކަފުޅުގައި، ރާއްޖެއާއި ބުރުނާއީއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރެއްވުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި ސަފީރުގެ އަރިހުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ، ފާތިމަތު ޝަބާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ޑރ. މަރިޔަމް ޝަބީނާ އަހުމަދަކީ މިހާރު ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ރިޕަބްލިކް އޮފް ދަ ފިލިޕީންސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ވެސްމެއެވެ.