Ads by Farudhun

ޚަބަރު

މޫދުވިނަ އާލާކުރުމުގެ ހުއްދަ އިތުރު 3 ރަށަކަށް ދޫކުރުމުގެ މަސައްކަތް ފަށައިފި

މޫދުވިނަ އާލާކުރުމުގެ ހުއްދަ އިތުރު 3 ރަށަކަށް ދޫކުރުމުގެ މަސައްކަތް ފަށައިފި

މޫދުވިނަ އާލާކުރުމުގެ މަސައްކަތުގައި ވަޒީރު ޝިޔާމް. ފޮޓޯ:ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޮކްޓޯބަރު 2026، 12:30

20 އޮކްޓޯބަރު 2026، 12:30

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ވަކި ސިނާއަތެއްގެ ގޮތުގައި ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މޫދުވިނަ އާލާކުރުމުގެ ހުއްދަ އިތުރު ތިން ރަށަކަށް ދޫކުރުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށްދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

 މި މަޝްރޫޢަށް ކައުންސިލްތަކުން މިހާރު ހުއްދަ ދީފައިވާއިރު، ޕާމިޓް ދޫކުރުމުގެ މަރުހަލާ ކުރިއަށްދަނީ ގއ. ގެމަނަފުށި، މ. ވޭވަށް އަދި ލ. ހިތަދޫ އަށެވެ.

ރާއްޖޭގެ ސަރަހައްދުގެ %99 އަކީ ކަނޑު ކަމަށްވާއިރު، އެ ވަސީލަތްތަކުން ރައްޔިތުންނަށް އެންމެ އެދެވޭ މަންފާ ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ޚާއްސަ އިސްކަމެއް ދެއްވާފައިވާ ދާއިރާއެކެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޢަމަލީ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މެރިކަލްޗަރ ކުރިއެރުވުމަށްޓަކައި 6 އަތޮޅަކުން ޖުމްލަ 13 ޒޯނެއް ވަނީ ކަނޑައަޅާފައެވެ. މި ޒޯންތަކުގެ ޖުމްލަ ބޮޑުމިން 3,849 ހެކްޓަރަށް އަރައެވެ.

މެރިކަލްޗަރ މަޝްރޫޢުތަކުގެ ތެރެއިން 2025 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން މޫދުވިނަ އާލާކުރުމުގެ މަސައްކަތް ފަށައި، ވިޔަފާރި އުސޫލުން ބޭރުގެ ބާޒާރަށް ވަނީ އެކްސްޕޯޓްކުރަން ފަށާފައެވެ. އެއާއެކު މި ދާއިރާއަށް އޮތް ޝައުގުވެރިކަން އިތުރުވެފައިވާއިރު، މިހާތަނަށް 5 ފަރާތަކަށް މޫދުވިނަ އާލާކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އޭގެ ތެރެއިން ދެ ރަށެއްގައި މިހާރުވެސް ދަނީ އަމަލީ މަސައްކަތް ހިނގަމުންނެވެ.

މިހާތަނަށް ހުއްދަ ދޫކޮށްފައިވާ ސަރަހައްދުތައް:

  • ބ. ގޮއިދޫ
  • ގއ. ކޮނޑޭ
  • މ. ކޮޅުފުށި
  • ގއ. ކޮލަމާފުށި (ކަޅުހުއްޓާ ފަޅު)

ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމަށް ފްލޯޓިންގ އޭކާސްއިން ދިރާސާކުރުމަށްފަހު މީގެކުރިން ހުއްދައަށް އެދުމުން އެ ފުރުސަތު ނުލިބުނު ނަމަވެސް، މި ސަރުކާރުން އެކުލަވާލި މެރިކަލްޗަރަށް ފަހި ސިޔާސަތުގެ ދަށުން މިހާރު ވަނީ އެ ހުއްދަ ދޫކޮށްފައެވެ. އަދި ރާއްޖޭގައި މޫދުވިނަ އާލާކުރެވިދާނެތޯ ބެލުމަށް ކުރިން ހިންގި އަޖުމަބެލުމުގެ މަޝްރޫޢުންވެސް ވަނީ މިއީ ރާއްޖޭގެ މާހައުލުގައި ކާމިޔާބުކަމާއެކު ކުރެވިދާނެ މަސައްކަތެއްކަން ސާބިތުވެފައެވެ.

އޭޝިއާ ބައްރުގައި މޫދުވިނައިގެ ވިޔަފާރި ފެށިތާ 50 އަހަރު ވެފައިވާއިރު، މުޅި ދުނިޔޭގައި އުފައްދާ މޫދުވިނައިގެ %98 ޙިއްޞާކުރަނީ ޗައިނާ، އިންޑޮނޭޝިއާ، ސައުތު ކޮރެއާ އަދި ފިލިޕީންސް ފަދަ ޤައުމުތަކުންނެވެ. މީގެއިތުރުން 2023 ވަނަ އަހަރު ދުނިޔޭގެ މޫދުވިނައިގެ މާކެޓްގެ އަގު 17.14 ބިލިއަން ޑޮލަރުގައި ހުރިއިރު، 2032 ވަނަ އަހަރާ ހަމައަށް ދާއިރު އެ އަދަދު ދެގުނައަށް އިތުރުވާނެ ކަމަށް މާހިރުން ލަފާކުރެއެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގައި ވަޒީފާގެ އައު ފުރުސަތުތައް ފަހިވެ، އެކްސްޕޯޓް އާމްދަނީ އިތުރުވެ، އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450