ރިޕޯޓް

ގޭސްގަނޑަކަށް ފަހު ގޭސްގަނޑެއް!

ގޭސްގަނޑަކަށް ފަހު ގޭސްގަނޑެއް!

އެމްޑީޕީގެ އިސްވެރިން - ފޮޓޯ: ރާއްޖެ އެމްވީ

farudhun logo

ފަރުދުން

20 އޮކްޓޯބަރު 2026، 01:11

20 އޮކްޓޯބަރު 2026، 01:11

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލައިލުމުން ފެންނަނީ ހިތާމަވެރި، ނަމަވެސް އެހާމެ ހެއްވާ މަންޒަރެކެވެ. ގައުމުގައި ހިންގާ ކޮންމެ ތަރައްގީގެ މަޝްރޫއަކާ ގުޅިގެން ނުވަތަ އިގުތިސާދީ ނިންމުމަކާ ގުޅިގެން އުފައްދާ ސިޔާސީ ހައިޖާނުތަކަކީ މިހާރު ދިވެހިންނަށް އާ ކަމެއް ނޫނެވެ. ކަމެއް ކުރަން އުޅުނަސް ގޯހެވެ. ނުކޮށް ދޫކޮށްލިޔަސް ގޯހެވެ. ލޯނެއް ނަގައިފިއްޔާ ގައުމު ދަރުވާލަނީއެވެ. ލޯނު ދައްކަން ފަށައިފިއްޔާ ރައްޔިތުން ބަނޑަށް ޖައްސަނީއެވެ. މަޝްރޫއެއް ހިންގަން ފަށައިފިއްޔާ ވައްކަމެވެ. މަޝްރޫއެއް މަޑުޖެހިއްޖެނަމަ ގާބިލުކަމެއް ނެތީއެވެ. ހަގީގަތުގައި މި ސިޔާސީ ފަރާތްތަކަށް ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟ މި އުޅެނީ ކޮން ކަމެއް ނުވެގެން ހެއްޔެވެ؟

ތާރީޚުގެ ތެރެއަށް ނަޒަރު ހިންގާލާއިރު، މި ދެފުށްކެހެރި ސިޔާސަތުގެ އެތައް މިސާލެއް ފެންނަން އެބައޮތެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ބޮޑު އިންވެސްޓްމަންޓަކާ އެކު ފާފު އަތޮޅު ދުނިޔޭގެ ފެންވަރުގެ އިގުތިސާދީ މަރުކަޒަކަށް ހަދަން އުޅުނު ދުވަހު، އިދިކޮޅުގައި ތިބި ފަރާތްތަކުން އެނބުރީ ބޮޑު ގޭސްގަނޑެކެވެ. "ގައުމު ވިއްކާލަނީ" އޭ ކިޔައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދިއެވެ. ނަމަވެސް ހައިރާންވާންޖެހޭ ކަމަކީ، އެދުވަހު އެ އަޑު އުފުލި މީހުންނަކީ ދިވެހިރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ވިއްކާލައި، ގައުމުގެ އިސްތިގުލާލު ނުރައްކަލަށް ހުށަހެޅި މީހުންނެވެ. އެމީހުން ކުރީމާ ހުރިހާ ކަމެއް ރަނގަޅުވެފައި، އެހެން ބަޔަކު ގައުމަށް ފައިދާހުރި ބޮޑު އިންވެސްޓްމަންޓެއް ގެންނަން އުޅުމުން ވީ ގައުމު ވިއްކާލުމަށެވެ.

މިއަދު އަނެއްކާވެސް މި ފެންނަނީ ހަމަ އެ މަންޒަރެވެ. ޑުބާއީގެ މަހުޖަނު މުހައްމަދު އަލް އައްބާރުގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލެ މަޝްރޫއު ތަރައްގީކުރަން އުޅުމުން އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ނުކުމެ ގޭސްގަނޑު އަނބުރަން ފަށައިފިއެވެ. އިއްޔެ ރަސްމާލެ މަޝްރޫއު ބޭރުގެ ފަރާތްތަކަށް ދީގެން ތަރައްގީ ކުރާނެ ކަމަށް ވިދާޅުވި ލީޑަރުންވެސް، މިއަދު ސަރުކާރުން އެކަން ކުރަން ފެށުމުން އެއީ ގޯހެއް ކަމަށް ބުނެ އަޑުއުފުލަނީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތިއެވެ.

މިކަމުގައި އެންމެ ހެއްވާ ކަމަކީ، އެމްޑީޕީއިން އީގަލް ހިލްސް އައްޑުއަށް ގެންދިޔުމަށް ވާހަކަ ދައްކަމުންދާއިރު، އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަކީ "ހުދު ފޮތިކޮޅަކަށް" ވީ ކަމެވެ. އައްޑޫއަށް ގެންދަން ވާހަކަ ދެއްކި އިރު އެއީ ރާއްޖެއަށް އޮތް އެންމެ ބޮޑު ނަސީބެވެ. އެކަމަކު ހަމަ އެ ކުންފުނިން ރަސްމާލެ ތަރައްގީކުރަން އުޅުމުން، ކުއްލިއަކަށް އަލައްބާރު ބަދަލުވީ "ޔަހޫދީންނަށް ވާގިވެރިވާ" މީހަކަށެވެ. އައްޑޫއަށް ދިޔުމުން އަލައްބާރު "ސިއްދީގަކަށް" ވެފައި، މާލެ ސަރަހައްދަށް އައުމުން ޔަހޫދީއަކަށް ބަދަލުވާން ޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ދައުލަތަށް ނަފާ ލިބޭ ގޮތަށްކަން އެނގިތިބެ، މިފަދަ ދެކޮޅުނުޖެހޭ ވާހަކަތައް ދައްކަނީ ކީއްވެގެން ހެއްޔެވެ؟

މިފަދަ މޭރުމަކުން ވާހަކަ ދައްކަވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާތީ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ވެރިކަމަށް އައުމަށްޓަކައި ދީން ސިޔާސީ ހަތިޔާރަކަށް ހައްދަވައިގެން އެކި ދުވަސްވަރު އެކި ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމުގެ ފާޑުކިޔުން އިމްރާނަށް އަބަދުވެސް އަމާޒުވެއެވެ. އޭނާ ހޯމް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުގެ އެކި މައްސަލަތަކާއި، އަލްމަރުޙޫމް ޑރ. އަފްރާޝީމް އަލީގެ އަނިޔާވެރި މަރާ ގުޅުވައިގެން ޕޯޑިއަމްތަކުގައި ދެއްކެވި ސައްހަކަމެއް ނެތް ވާހަކަތަކުގެ ހަނދާންތައް ދިވެހިންގެ ހިތްތަކުން އަދި ފިލައިނުދެއެވެ. ދީނީ އިލްމުވެރިންގެ ނަމުގައި ތިބެގެން މިފަދައިން އަމަލުކުރެއްވުމުގެ ސަބަބުން މިއަދު އިލްމުވެރިންގެ އަގު ވެއްޓި، ރައްޔިތުންގެ އިތުބާރު ގެއްލެން ވަނީ މެދުވެރިވެފައެވެ. ގައުމުގެ ހާލަތު ދަތިވި ދަނޑިވަޅުތަކުގައި ބެންކޮކް ފަދަ ގައުމުތަކުގައި އަމިއްލަ ވިޔަފާރިތަކުގައި ވަގުތު ހޭދަކުރެއްވުމަށްފަހު، ކުއްލިއަކަށް ވަޑައިގެން ގައުމީ ލޯބި ދައްކަވަން އުޅުއްވުމަކީ ރައްޔިތުން މިއަދު ބަލައިގަންނާނެ ކަމެއް ނޫނެވެ.

މި ހުރިހާ ކަމަކުން ދޭހަވަނީ އެންމެ ހަގީގަތެކެވެ. ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކުގެ މަގުސަދަކީ ގައުމަށް ފައިދާއެއް ހޯދައިދިނުމެއް ނޫނެވެ. އަދި ރައްޔިތުންގެ ހައްގުގައި އިޚްލާސްތެރިކަމާއެކު ވަކާލާތު ކުރުމެއްވެސް ނޫނެވެ. އެމީހުންގެ ހަގީގީ ބޭނުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ފިތުނަ އުފައްދައި، ސަރުކާރުގެ އިގުތިސާދީ މަޝްރޫއުތަކަށް ހުރަސްއަޅައިގެން ސިޔާސީ ބާރުވެރިކަން ހޯދުމެވެ. އަލުން ވެރިކަމަށް އައިސް އަމިއްލަ ޖީބުތައް ފުރާލުމުގެ ބޭނުމުގައި، ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމާއި އިގުތިސާދީ ދިރުމަށް ހަސަދަވެރިވެ ހުރަސްއެޅުމެވެ.

ދިވެހި ލޮބުވެތި ރައްޔިތުން މިއަދު މި ސިޔާސީ ވެރިންނާ ސުވާލު ކުރަން ވެއްޖެއެވެ. ގައުމުގެ ތަރައްގީގެ ކޮންމެ މަޝްރޫއަކަށް ހުރަސްއަޅައި، ހަގީގަތް އޮޅުވާލައިގެން ޖަހާ މިފަދަ ސިޔާސީ ސަކަރާތް ބަލަން ރައްޔިތުން އަދިވެސް ތިބެންވީ ހެއްޔެވެ؟ ގައުމުގެ ކުރިމަގު ބިނާކުރެވެން އޮތީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފައްދާ ދޮގު ވާހަކަތަކުގެ އަވައިގައި ނުޖެހި، ހަގީގަތް ދެނެގަނެގެންނެވެ. ދެފުށްކެހެރި ސިޔާސީ ލީޑަރުންގެ މި މަކަރުވެރި ދަލުން ދިވެހި ރައްޔިތުން ސަލާމަތްވާން މިހާރު މިވަނީ ވަގުތު ޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450