ޚަބަރު
ޗައިނާގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި
ޗައިނާގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކުރުން. ފޮޓޯ: ވުޒާރާ
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށް، އެކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަގުބައްތިތައް ދިވެހި ސަރުކާރާ ހަވާލުކުރުމަށްޓަކައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.
މި މަގުބައްތިތަކަކީ ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، "ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ، މިއީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި ރާއްޖެއަށް ހަދިޔާކުރުމަށް ނިންމެވި މަގުބައްތިތަކެއް ކަމަށެވެ. އަދި ޗައިނާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގާތް ޤައުމެއްކަން ފާހަގަކުރައްވައި، މި އެހީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެކުރިންވެސް ޗައިނާއިން ހަދިޔާކުރި ސޯލާ މަގުބައްތިތައް ރާއްޖޭގެ 3 ރަށެއްގައި ހަރުކޮށްފައިވާއިރު، މިފަހަރު ލިބުނު ބައްތިތަކާއެކު އިތުރު ރަށްރަށުގައި މަގުބައްތި ހަރުކުރެވި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ %33 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދާއިރު، ރާއްޖޭގައި މިހާރު އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު ވަނީ 116 މެގަވޮޓަށް އިތުރުވެފައެވެ.