ޚަބަރު
އިންޒެކް 2026ގެ ސިލްވަރ ސްޕޮންސަރޝިޕް ޕެންޝަން އޮފީހަށް
އިންޒެކް 2026ގެ ސިލްވަރ ސްޕޮންސަރޝިޕް ޕެންޝަން އޮފީހަށް
މި އަހަރު ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް، "އިންޒެކް 2026" ގެ ސިލްވަރ ސްޕޮންސަރަކަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމް.ޕީ.އޭ.އޯ) ހަމަޖައްސައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއާއި ޕެންޝަން އޮފީހާ ދެމެދުގައެވެ.
އެންމެ ފުރަތަމަ ބޭއްވި އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2024 ގައިވެސް ޕެނަލިސްޓެއްގެ ގޮތުގައި އެމް.ޕީ.އޭ.އޯ އިން ވަނީ ބައިވެރިވެފައެވެ. މިފަހަރުގެ ކޮންފަރެންސަށް އެމް.ޕީ.އޭ.އޯ އިން ދެއްވާ އެއްބާރުލުމާއި، ޒަކާތު ހައުސްއާއެކު ދަމަހައްޓަމުން އަންނަ ގާތް ގުޅުން ފާހަގަކޮށް ޒަކާތު ހައުސްއިން ވަނީ އެ މުއައްސަސާއަށް ޝުކުރު އަދާކޮށްފައެވެ.
ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި، މި ބައިވެރިވުމުން ރަމްޒުކޮށްދެނީ ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ލާބައާއި މަންފާއަށް މަގުފަހިކުރާ ކަންކަން ހަރުދަނާކުރުމަށާއި، މަޝްވަރާކޮށް ޢިލްމު ޙިއްޞާކުރުމުގައި ޤައުމީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ މުހިންމުކަމެވެ. އަދި އެމް.ޕީ.އޭ.އޯ ފަދަ މުއައްސަސާތަކުގެ ދެމެހެއްޓެނިވި އެއްބާރުލުމަކީ އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ބާރެއް ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރު މަހުގެ 28 ވާ ބުދަ ދުވަހު މާލޭގެ އިސްލާމީ މަރުކަޒުގައެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާއިރާގެ ފަންނީ މާހިރުންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން ފަރާތްތައް އެއްތަންވެ، ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާއަށް މިޒަމާނުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.
ޒަކާތު ހައުސްއިން އުންމީދުކުރަނީ މި ބައިވެރިވުމުގެ ތެރެއިން އެމް.ޕީ.އޭ.އޯއާ އެކު ގާތުން މަސައްކަތްކޮށް، މުސްތަޤުބަލުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިވެ، ދެފަރާތަށްވެސް ފައިދާހުރި ގިނަ މަސައްކަތްތަކަކަށް މަގުފަހިވެގެން ދިއުމެވެ.