ޚަބަރު
އަމީނީ މަގު ސެގްމަންޓް 3 ގައި ތާރު އަޅަން ފަށައިފި
މި މަސައްކަތުގެ ތެރެއިން.. ފޮޓޯ: އެމްޓީސީސީ
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ސެގްމަންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުގެ ދަށުން މަގުތަކުގެ ފެންވަރު ރަނގަޅުކޮށް ތަރައްގީކުރެވިގެން ދިއުމަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.
އެމްޓީސީސީން މިއަދު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ސެގްމަންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ތާރުއަޅައި ނިމުމުން މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ވަގުތުން ކުރިއަށްދާނެ ކަމަށާއި، މި ބަދަލާއެކު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ ކުންފުނިން މި މަސައްކަތް ސެގްމަންޓްތަކަކަށް ބަހާލައިގެން އަމަލީ ގޮތުން ފަށާފައިވަނީ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ. މިގޮތުން މިހާރު މަސައްކަތް ކުރިއަށްދާ ސެގްމަންޓް 3 ހިމެނޭ ސަރަހައްދަކީ އިއްޒުއްދީން މަގުން ފެށިގެން ކޯރިކެނޑި ހިނގުމާ ހަމައަށެވެ.
We have commenced the asphalt paving works for the segment 3 of Ameenee Magu. Upon completion of the paving, road marking works will follow. The development of improved road infrastructure will provide smoother and more convenient travel for residents of Malé City. #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
— MTCC Plc (@MTCCPlc) October 20, 2026
މި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގައި ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް ހިމެނޭ ސަރަހައްދު އަދި ސެގްމަންޓް 2 ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑު ކުރިމަތީގެ ހަތަރުއަނގޮޅި ކަންމަތީގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ވަނީ ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. ސެގްމަންޓް 3 އަށް ފަހު ދެން ކުރިއަށްދާނެ ސެގްމަންޓް 4 އަކީ ކޯރިކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދެވެ.
އެމްޓީސީސީ އިން އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސަރުކާރުން އެ މަގުގައި ތާރުއަޅައި ހެދުމުގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފެށިތާ މާގިނަ އަހަރުތަކެއް ނުވެ، އެމަގުގައި ބޮޑެތި އަޑިގުޑަންތައް ހެދި، ދުއްވާ މީހުންނަށް ބޮޑު ތަކުލީފުތަކެއް ކުރިމަތިވެފައިވާތީއެވެ.