ޚަބަރު
އީގަލް ހިލްސްއިން އަޅައިދޭ ހައުސިން ޔުނިޓުތަކުގެ އަގު ކަނޑައަޅާނީ ދިވެހި ސަރުކާރުން: ރައީސް
އީގަލް ހިލްސްއިން ހުޅުމާލޭގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކުގެ ކުރެހުން---
ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުނި އީގަލް ހިލްސްއިން ހިންގާ މަޝްރޫޢާ ގުޅިގެން ހުޅުމާލޭގައި އެ ކުންފުނިން އަޅައިދޭ ހައުސިން ޔުނިޓުތަކުގެ އަގު ކަނޑައަޅާނީ އެ ކުންފުނިން ނޫން ކަމަށާއި، އެ އަގުތައް ކަނޑައަޅާނީ ދިވެހި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީ ކުރާ "މޯލްޑިވްސް މެރީނާ އެންޑް ވޯޓާ ފްރޮންޓް" މަޝްރޫޢާ ގުޅޭގޮތުން "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ހުޅުމާލޭގައި އީގަލް ހިލްސްއިން އިމާރާތްކުރަނީ ހަމައެކަނި 5000 ހައުސިން ޔުނިޓު ނޫން ކަމަށާއި، އެ ޔުނިޓުތަކާ ގުޅުންހުރި އެހެނިހެން ކަންކަން ހަމަޖެއްސުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ވެސް އެ ކުންފުނިން ޤާއިމްކުރާނެ ކަމަށެވެ. އަދި އެއާއެކު އެތަނުގައި ކުޑަވަރެއްގެ ޓައުނެއް ޑިވެލޮޕްވެގެންދާނެ ކަމަށާއި، މި މަސައްކަތަށް އެ ކުންފުނިން 500 މިލިއަން ޑޮލަރު ކަނޑައަޅާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
2028 ވަނަ އަހަރުގެ އޯގަސްޓު ނުވަތަ ތިންވަނަ ކުއާޓާއަށް ދާއިރުގައި، އިރާދަކުރެއްވިޔާ ސްޓްރަކްޗަރ ނިމި، ފިނިޝިން ވެސް ނިމެމުން ދާނީ.
މަޝްރޫޢުގެ ތާވަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މި ހައުސިން ޔުނިޓުތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއަށް ވަންނަ ތަންތަން ކަމަށާއި، މި ތަންތަން ލިބޭ ފަރާތްތައް ކަނޑައަޅާނީ ވެސް ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްޓްރަކްޗަރ ނިމޭއިރު އެ ތަންތަން ލިބޭ ފަރާތްތައް ކަނޑައަޅައި ރެޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ވެސް އެހާތަނުގައި ކުރިޔަށްދާނެ ކަމަށް ވިދާޅުވިއެވެ.
އެހެންވީމާ އަޅުގަނޑުމެން ކަނޑައަޅާ ކުޑަ އަގެއްގައި މި ތަންތަން ދެވޭނެ. އީގަލް ހިލްސްގެ އިންވެސްޓްމަންޓަކުން ނޫން އެތަނުގެ އަގުތައް ކަނޑައަޅާނީ.
ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ޔުނިޓުތަކުގެ އަގު ކަނޑައަޅާނީ އާންމުންގެ އަތްފޯރާ ފަށުގައި، މިހާރުވެސް ސަރުކާރުން އިމާރާތް ކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަގު ކަނޑައަޅާ އުސޫލުން ކަމަށެވެ. އަދި މި ފްލެޓްތައް ލިބޭނީ ދިވެހިންނަށް ކަމަށާއި، އިސްކަން ދޭނީ ބޯހިޔާވަހިކަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ތަންތަން ދޭނީ ބޯހިޔާވަހިކަމަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދީގެން، އޭގެ އިތުރަށް އަޅުގަނޑު ވަޢުދުވީ ގޮތަށް ޒުވާނުންނާއި، ރިޒޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި، މަސްވެރިން، ސަރުކާރުގެ އެކިއެކި މުވައްސަސާތަކުގެ މަސައްކަތްތެރީންނަށް ވެސް އިސްކަން ދެވޭނެ.
ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އީގަލް ހިލްސްއިން އަޅައިދޭ މި 5000 ހައުސިން ޔުނިޓަކީ މިހާރު ވެސް ސަރުކާރުން ދޭ ހެޔޮ އަގުތަކުގައި ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ތަންތަން ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށެވެ.