ޚަބަރު
ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ތަރިކައާ ބެހޭ ވުޒާރާ
ޗައިނާގެ ފަންނާއި، ސަގާފަތާއި ތަރިކައާބެހޭ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި މަހުގެ 16 އިން 20 އަށް ވަޒީރު ޗައިނާއަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ވަނީ މުހިންމު ބައްދަލުވުންތަކެއް ބާއްވަވައި ބައެއް ތަންތަނަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން، "އެލަޔަންސް ފޯރ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ"ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ތަޤްރީރުކުރައްވައި، ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މުހިންމުކަމާއި، އެކަމުގައި ޒަމާނީ ޓެކްނޮލޮޖީގެ އީޖާދީ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން ވަޒީރު ވާހަކަފުޅުދެއްކެވިއެވެ.
އަދި ޗައިނާގެ ނޭޝަނަލް ކަލްޗަރަލް ހެރިޓޭޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ މިސްޓަރ ކިއާއޯ ޔުންފެއި އާއެކު ބޭއްވި ބައްދަލުވުމުގައި، ދާރުލްއާސާރުތައް ތަރައްޤީކުރުމާއި، ފަންނީ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ސަގާފީ މުއާމަލާތްތައް ބަދަލުކުރުމާ ގުޅޭގޮތުން ވަޒީރު ހީނާ މަޝްވަރާކުރެއްވިއެވެ.
ހަމައެއާއެކު، އިކްރޮމްގެ ޑިރެކްޓަރ ޖެނެރަލް އަރޫނާ ގުޖްރާލްއާ ބައްދަލުކުރައްވައި، ޒުވާނުން ތަމްރީނުކުރުމާއި، ދާރުލްއާސާރުތައް ބެލެހެއްޓުމާއި، އުފެއްދުންތެރި އިޤްތިޞާދެއްގައި ތަރިކައިގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުން ވަޒީރު ވާހަކަދެއްކެވިއެވެ. އަދި 'އަލިފް' ޖަމިއްޔާގެ އެގްޒެކްޓިވް ޑައިރެކްޓަރ ވަލޭރީ ފްރޭލަންޑާ ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކުން ތަރިކަ ރައްކާތެރިކުރުމަށާއި، ދާރުލްއާސާރުތަކާއި ކުތުބުޚާނާތަކުގެ މަސައްކަތްތައް ސުމޭކު ކުރުމަށް އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ވަޒީރު ހީނާ ވަނީ، ޗައިނާގެ ހަންގްޒޫގައި ހުންނަ "ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރ" އާއި، "ޒެޖިއަންގް ލައިބްރަރީ" ގެ އިތުރުން "ޗައިނާ ނޭޝަނަލް ސިލްކް މިއުޒިއަމް" އަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވައި މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު މާލެ ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ.