ޚަބަރު
ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ އޮފީސް އިމާރާތުގެ ބިންކޮނުމުގެ މަސައްކަތް ބާރަށް ކުރިއަށް
ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ އޮފީސް އިމާރާތުގެ ބިންކޮނުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ކ. ތުލުސްދޫގައި ގާއިމުކުރާ އާ ޕޮލިސް ސްޓޭޝަންގެ އޮފީސް އިމާރާތުގެ ބިންކޮނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެ މަސައްކަތުގެ 23 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ޚިދުމަތްތައް ފުޅާކޮށް، އަމިއްލަ އިމާރާތްތަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ތުލުސްދޫގައި އަޅާ މި މަރުކަޒަކީ 38.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ އިދާރީ އޮފީސްތަކާއި، ކަސްޓަޑީ ފެސިލިޓީ ނުވަތަ ބަންދުކުރާ މީހުން ބައިތިއްބާނެ ޚާއްސަ ގޮޅިތަކުގެ އިތުރުން ވެހިކަލް ގަރާޖެއް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތުލުސްދޫގައި ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމަށް ނިންމީ، ކުރިން ފުލުހުންގެ މަރުކަޒު ހިންގަމުންދިޔަ ވަގުތީ އިމާރާތް ހުސްކުރުމަށް އެ ރަށު ކައުންސިލުން އެދުމާ ގުޅިގެންނެވެ. އެއަށްފަހު މިއަހަރުގެ މާޗު މަހު މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރިއިރު، މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ.

މަޝްރޫއުގެ ސައިޓް ތައްޔާރުކުރުމާއި ފެންސް ޖެހުމުގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ބިންގަލުގެ ކޮންކްރީޓް މަސައްކަތްތަކަށް ބިންކޮނުމުގެ މަރުހަލާއެވެ. ޖުމްލަ 360 ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫއު ނިމުމުން، ކ. އަތޮޅުގައި ފުލުހުން ދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.