Ads by Farudhun

ޚަބަރު

ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމުގެ "ރީފައިނޭންސިންގ ހަފްތާ" ފަށައިފި

ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމުގެ "ރީފައިނޭންސިންގ ހަފްތާ" ފަށައިފި

އެސްއެމްއީ ޑިޖިޓަލް..

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

21 އޮކްޓޯބަރު 2026، 10:56

21 އޮކްޓޯބަރު 2026، 10:56

އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް "ރީފައިނޭންސިންގ ހަފްތާ" ފަށައިގެން ކުރިއަށް ގެންދާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއްޖެއެވެ.

ރީފައިނޭންސިންގ ހަފްތާގެ މަގުސަދަކީ، ރީފައިނޭންސިންގ އޮފަރ ލިބިފައިވާ ކަސްޓަމަރުންނަށް މުވައްޒަފުންގެ އެހީތެރިކަމާއެކު މި ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިންއަށް ބަދަލުކޮށް، މި މަރުހަލާ ފުރިހަމަކުރުން ކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދެއްވައެވެ. އެހެންކަމުން، ކަސްޓަމަރުންނަށް ވަގުތުން އައު އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ.

މި މަސައްކަތަކީ އެސްއެމްއީ ޑިޖިޓަލްއިން ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތް ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ފާހަގަކުރައްވައެވެ. ކޮންވެންޝަނަލް ލޯނަކުން އިސްލާމިކް ފައިނޭންސް ފެސިލިޓީއަކަށް ބަދަލުވުމުން ކަސްޓަމަރުންނަށް ލިބޭ ފައިދާތަކެއްވާ ކަމަށާއި، މިގޮތުން ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުމާއި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަވުން ހިމެނޭ ކަމަށް އެފަރާތުން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ނަގާފައިވާ އެއްވެސް ފައިނޭންސިންގ ފެސިލިޓީ އަކަށް ގަވާއިދުން ފައިސާ ނުދައްކާނަމަ އެ ފަރާތެއްގެ ބޭންކިންގ ހިދުމަތްތައް މެދުކެނޑޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ. މި ބަދަލު އަންނަ މަގު 1 އިން ފެށިގެން ތަންފީޒުކުރަން ފަށާނެއެވެ. އަދި ފެސިލިޓީއަށް އެ މަހަކު ދައްކަންވާ ފައިސާ އަނބުރާ ދެއްކުމުން، 1 ދުވަސް ތެރޭގައި ހިދުމަތް އަނބުރާ ލިބޭނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ރީފައިނޭންސިންގ ހަފްތާ މިމަހުގެ 22 ގެ ނިޔަލަށް އެސްއެމްއީ ޑިޖިޓަލްގެ ކޯޕަރޭޓް ހެޑް އޮފީސް، މ. ކަނީރުވިލާގައި ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް އިން މިވަގުތު އޮފަރ ލިބިފައިވާ ކަސްޓަމަރުން މިމަހުގެ 31 ގެ ކުރިން ރީފައިނޭންސިންގ މަރުހަލާ ފުރިހަމަކުރުމަކީ ކުންފުނީގެ އިލްތިމާސްއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450