ޚަބަރު
ރާއްޖޭގެ ކަނޑު ވިއްކާލިއިރު މީކާއީލް ކޮބައިތޯ؟ އެމްޑީޕީން އުޅެނީ ރައްޔިތުންނަށް ފައިދާއެއް ވެދާނެތީ: އައިބީ
އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ - ފޮޓޯ: މަޖިލިސް
އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ވިއްކާލިއިރު މަޖިލީހަށް ގަރާރެއް ވައްދަން ނޭނގި މިއަދު އެ ޕާޓީން ކަންބޮޑުވެގެން އުޅެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ބޮޑު ފައިދާއެއް ހޯދައިދީފާނެތީ ކަމަށް ވިދާޅުވެ، އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އެމްޑީޕީއަށާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އައިބީ މިހެން ވިދާޅުވީ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މީކާއީލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަދައްކަވަމުން އައިބީ ވިދާޅުވީ، އެމްޑީޕީ ނޫން އެހެން ފިކުރެއްގެ ސަރުކާރެއް އޮންނަ ކޮންމެ ފަހަރަކު، އަދި އެމްޑީޕީ އިދިކޮޅުގައި އޮންނަ ހާލަތްތަކުގައި ސަރުކާރުން ކުރާ ހުރިހާ ހެޔޮ ކަމެއް ނަފީކޮށް ހުރަސްއަޅަން އެ ޕާޓީން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.
"މީގެ ކުރީގެ ދައުރުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގަ، ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނި ހުންނެވި. އެންމެ ގަރާރެއްވެސް ނުވައްދާ މިކަހަލަ ގޮތަކަށް. އައްޑު އަތޮޅުން ދެކުނުން ފޯޅަ ވަހިން ބޮޑު ސިންގާ ކަނޑުގެ ބައެއް ވިއްކާލީ، ދޫކޮށްލީ. ގައުމުގެ އެއްބައި ދޫކޮށްލީ. ރަސްމާލެއަށްވުރެން އެއްލައްކަ ބޮޑު ބައެއް. މަސްވެރި ކަނޑެއް ދޫކޮށްލި އިރު މި މަނިކުފާނު ގަރާރެއް ނުވެއްދީ ކީއްވެތޯއޭ މީ ހެޔޮ ނިޔަތުގައި ކުރއްވާ ކަމެއް ނަމަ"
އައިބީ ވިދާޅުވިއެވެ.
އައިބީ ފާހަގަކުރެއްވި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ މަސްވެރިން ޒަމާނުއްސުރެ މަސްބާނަމުން ދިޔަ، އައްޑޫ އަތޮޅުގެ ދެކުނުން ފޯޅަވަހީގެ ބޮޑު ސަރަހައްދެއް ވަނީ ދޫކޮށްލާފައެވެ. އެއީ ރަސްމާލެއަށް ވުރެ އެއްލައްކަ ގުނަ ބޮޑު ސަރަހައްދެއްކަން ފާހަގަކުރައްވައި އައިބީ ސުވާލު އުފެއްދެވީ، އެމްޑީޕީގެ ސަރުކާރުން ކަނޑު ވިއްކާލި ވަގުތު ގައުމަށް ހެޔޮއެދޭ ފަރާތެއް ނަމަ މީކާއީލް މިފަދަ ގަރާރެއް މަޖިލީހަށް ހުށަނޭޅުއްވީ ކީއްވެގެންތޯއެވެ. ހަމައެއާއެކު، އެމްޑީޕީ ވެރިކަމުގައި ރާއްޖޭގެ މައި ބައިނަލްއަގުވާމީ ވައިގެ ބަނދަރު ބޭރު ބަޔަކަށް ދޫކޮށްލިއިރު މަޖިލީހުގެ ރުހުން ހޯދާފައި ނުވާ ކަމަށާއި، އެ ދުވަހު އެމްޑީޕީ މެމްބަރުން ތިއްބެވީ އަތްޖަހަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އެމްޑީޕީ ވެރިކަމުގައާއި އެހެނިހެން ސަރުކާރުތަކުގައި އެތައް ފަޅެއް 99 އަހަރަށް ކުއްޔަށް ދޫކޮށްފައިވާކަންވެސް އައިބީ ހަނދާންކޮށްދެއްވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން އައިބީ ވިދާޅުވީ، މެދުއިރުމަތީގެ ގައުމުތަކެކޭ އެއްފަދައިން ރާއްޖެއަށް އާމްދަނީ ހޯދަން ތެޔޮ ނަގާނެ ވަސީލަތެއް ނެތް ކަމަށެވެ. ރާއްޖޭގައި އޮތީ ކަނޑާއި، ފަޅާއި، ފަރުތައް ކަމަށްވާއިރު، އެ ރިސޯސްތައް ބޭނުން ނުކޮށް ގައުމުގެ ހާލަތު ބަދަލުނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އޮތް ފަޅެއް ހިއްކަވައިގެން، އެތަނުން އާމްދަނީ ހޯދަން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި، މިއަދަށްވުރެ ރަނގަޅު ބޭސްފަރުވާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ކަމަށް އައިބީ ވިދާޅުވިއެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ އަތްއުރާލައިގެން ތިބެން ނޫން ކަމަށާއި، ރައްޔިތުންނަށް ފާގަތިކަމާއި މަންފާ ހޯދައިދިނުމަށް ކަމަށް ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އައިބީ ވިދާޅުވީ، ޔަހޫދީން ވަޒަންވެރިވާ ގޮތަށް އެއްވެސް ބިމެއް ދޫނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުން ކޮންމެ ދުވަހަކުވެސް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި މި ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓް މަނާކޮށްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އީގަލް ހިލްސް ކުންފުނީގެ ޗެއާމަން ރާއްޖެ ވަޑައިގެން، ޔަހޫދީން ވަޒަންވެރިކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ސާފުކޮށްދެއްވާފައިވާ ކަމަށާއި، މިފަދަ ވިޔަފާރިތައް ދުބާއީއާއި ގަތަރު ފަދަ ގައުމުތަކުގައިވެސް އެއްވެސް މައްސަލައެއް ނެތި ކުރިއަށްދާ ކަމަށް އައިބީ ވިދާޅުވިއެވެ.
ވާހަކަ ނިންމަވާލައްވަމުން އައިބީ ވިދާޅުވީ، އެމްޑީޕީއިން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް އާމްދަނީ ލިބޭނެ އެއްވެސް ކަމެއް ވިޔަނުދިނުމަށް ކަމަށާއި، މިއަދު އެ ބޭފުޅުން ކަންބޮޑުވެގެން އުޅެނީ މި ސަރުކާރުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޮޑު ފައިދާއެއް ލިބިދާނެތީ ކަމަށެވެ. އެހެންކަމުން ގައުމުގެ ތަރައްގީއަށް ހުރަސްއެޅުން ވަގުތުން ހުއްޓާލުމަށް އޭނާ އެމްޑީޕީއަށް ގޮވާލެއްވިއެވެ.