ޚަބަރު
ވޭތުވެދިޔަ މަހު ކުޑަކުދިންނާއި އަންހެނުންނާ ގުޅޭ 200 އަށްވުރެ ގިނަ މައްސަލަ
ގެވެށި އަނިޔާ...
ވޭތުވެދިޔަ މަހު ކުޑަކުދިންނާއި އަންހެނުންނާއި ގުޅުންހުރި 231 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ 88 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ ބާވަތްތައް:
* ގެވެށި އަނިޔާ ފެނުން: 12 މައްސަލަ
* ކުޑަކުދިންނަށް އަޅާނުލުން: 16 މައްސަލަ
* ނަފްސާނީ އަނިޔާ: 8 މައްސަލަ
* ޖިސްމާނީ އަނިޔާ: 29 މައްސަލަ
* ޖިންސީ ގޯނާ: 15 މައްސަލަ
* ބްލެކްމެއިލް ކުރުން: 1 މައްސަލަ
* ގަނާކުރުން (ބުލީކުރުން): 5 މައްސަލަ
* އެހެނިހެން މައްސަލަތައް: 1 މައްސަލަ
ކުޑަކުދިންގެ އަހްލާޤާ ގުޅޭގޮތުން ޖުމުލަ 16 މައްސަލައެއްވެސް ވޭތުވެދިޔަ މަހުގެ ތެރޭގައި ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންގެ އަހްލާޤީ މައްސަލަތައް:
* ރުޅިގަދަވުމުގެ 6 މައްސަލަ
* ގެއިން ފިލައިގެން ދިއުމުގެ 2 މައްސަލަ
* ސުކޫލަށް ދާން އިންކާރުކުރުމުގެ 1 މައްސަލަ
* އެހެނިހެން ސުލޫކީ 7 މައްސަލަ
އެ ވުޒާރާއިން ހާމަކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ މަހު ވަކި ޖިންސަކަށް ވިތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ ޖުމުލަ 51 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 10 ފިރިހެނުންނާއި، 41 އަންހެނުންނެވެ.
ވޭތުވެ ދިޔަ މަހުގެ ތެރޭގައި ހެލްޕްލައިން (1412) އަށް ޖުމްލަ 1,662 ކޯލު ލިބިފައިވާ ކަމަށާއި، މީގެ ތެރޭގައި ހިމެނެނީ، 760 ކުޑަކުދިން، 617 ބޮޑެތި މީހުން، އަދި 285 ނޭނގޭ ފަރާތްތް ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި މުއްދަތުގައި އިޖުތިމާއީ އެހީގެ ހެލްޕްލައިން (1421) އަށް 511 ކޯލު ލިބިފައިވާ ކަމަށާއި، އެއީ، 254 ކުޑަަކުދިންނާއި، 167 ބޮޑެތި މީހުން އަދި ނޭނގޭ 90 ފަރާތް ކަމަށްވެސް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާ އިން ވިދާޅުވެއެވެ.