Ads by Farudhun

ޚަބަރު

ރާއްޖެއާ ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާ ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ޕާކިސްތާނާއި ރާއްޖެއާއި ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޮކްޓޯބަރު 2026، 01:32

21 އޮކްޓޯބަރު 2026، 01:32

ދަތުރުފަތުރާއި، ތަޢުލީމާއި، ސިއްޙީ އަދި ދިފާޢީ ދާއިރާ ހިމެނޭހެން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު 20 އެއްބަސްވުމެއް ބަދަލުކޮށްފިއެވެ.

މި އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ޕާކިސްތާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބަދަލުކުރެވުނު މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމު ގުޅިގެން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާއި، މިހާރުވެސް ދެމުންދާ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ގުޅުން ބަދަހިކުރުމެވެ.

ތަޢުލީމީ ދާއިރާއިން ބަދަލުކުރި ދެ އެއްބަސްވުމުގެ ތެރޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމަކާއި، ރާއްޖޭގެ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވުޒާރާ އާއި ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނާ ދެމެދު ވެވުނު އެއްބަސްވުން ހިމެނެއެވެ.

ދެ ސަރުކާރުގެ ދެމެދުގައި އިތުރަށް ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރު، ފަތުރުވެރިކަން، ސަގާފަތާއި ތަރިކައާއި ފަންނު، ތިމާވެށި، ދަނޑުވެރިކަން، ދިފާޢީ ދާއިރާ، މެރިޓައިމް ސެކިއުރިޓީ، އައިޓީ އާއި އޭއައި އަދި ސައިބަރ ސެކިއުރިޓީ، ޓްރެފިކިންގ އަދި މަސްތުވާތަކެތި ހުއްޓުވުން، އިޖުތިމާޢީ ރައްކާތެރިކަން، ސިއްޙީ ޚިދުމަތްތެރިން ގެނައުން، މަސްވެރިކަން، އަދި ވައިގެ ދަތުރުފަތުރު ފުޅާކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.

މީގެ އިތުރުން ދެ ޤައުމުގެ މުއައްސަސާތަކުގެ ދެމެދުގައިވެސް މުހިންމު އެއްބަސްވުންތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީގެ އެއްބަސްވުމާއި، ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ވެވުނު ދެ އެއްބަސްވުން ފާހަގަކޮށްލެވެއެވެ. އަދި ފުލުހުން ތަމްރީނުކުރުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާ ދެމެދު އެއްބަސްވުމެއް ޤާއިމުކުރެވުނުއިރު، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު ހޯދުމަށް އެސްޓީއޯ އާއި ޓީސީޕީއާ ދެމެދުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ކެބިނެޓްގެ އިސް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ވެރިންގެ އިތުރުން ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450