ޚަބަރު
ރާއްޖެއާއެކު އޮތް ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް ފުޅާކުރަނީ
ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު އަދި ރާއްޖޭގެ ރައީސުލްހުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު މިހާރު ކުރެވެމުންދާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނު ސަރުކާރުން އަމާޒު ހިފައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފާއެކު ވެރިރަށް އިސްލާމްއާބާދުގައި ބޭއްވެވި ރަސްމީ ވާހަކަތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ. މިއީ ވޭތުވެދިޔަ 11 އަހަރުގެ ދިގު މުއްދަތަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި މިހާރު ބަދަލުކުރެވެމުންދާ ވިޔަފާރީގެ އަގަކީ އެންމެ 13.9 މިލިއަން ޑޮލަރު ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އިސްލާމީ އަހުވަންތަކަމާއި އިގްތިސާދީ ފުރުސަތުތަކަށް ބަލާއިރު މިއީ އެކަށޭނަ މިންވަރެއް ނޫން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މި އަދަދު 200 މިލިއަން ޑޮލަރަށް އުފުލުމަށް ދެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށާއި، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ޕާކިސްތާނުން ފުރިހަމަ އެއްބާރުލުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރާއްޖެއާއި ޕާކިސްތާނުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރިއަށްދިޔަ މި މަޝްވަރާތަކުގައި އިގްތިސާދީ، ސިއްހީ، ތައުލީމީ އަދި ދިފާއީ ދާއިރާ ހިމެނޭހެން 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ބޮޑުވަޒީރު ވިދާޅުވީ މި އެއްބަސްވުންތަކުގެ ހަގީގީ މަންފާ ވީހާވެސް އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ރައީސް ޑރ. މުއިއްޒުއާ ގުޅިގެން ސީދާ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، 100،000 ޒައިތޫނި ގަހުގެ ކަޓިންގްސް އާއި 100،000 ގަހުގެ އޮށް ހަދިޔާކުރަން ޕާކިސްތާނުން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގައި ޒަމާނީ ޑޭޓާ ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަޖުރިބާ ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަންވެސް އެ ގައުމުން ހާމަކުރިއެވެ.
ތައުލީމީ އަދި އިޖުތިމާއީ ގުޅުންތަކަށް އަލިއަޅުއްވާލައްވަމުން ޝެހެބާޒް ފާހަގަކުރެއްވީ، ޕާކިސްތާނުން މެޑިސިން ހަދައިގެން މިހާރުވެސް 250 އަށްވުރެ ގިނަ ދިވެހި ޑޮކްޓަރުން ރާއްޖޭގެ ސިއްހީ ނިޒާމުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކުރިމަގުގައިވެސް ތަފާތު ދާއިރާތަކުން ދިވެހިންނަށް ތަމްރީނާއި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މި ބައްދަލުވުމުގެ ތެރެއިން، ރައީސް ޑރ. މުއިއްޒުގެ ހިދުމަތްތައް ފާހަގަކުރައްވައި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަށް ނިންމި ނިންމުމަށް ބޮޑުވަޒީރު ވަނީ މަރުހަބާ ދަންނަވާފައެވެ.
ބައިނަލްއަގުވާމީ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ދިވެހިރާއްޖެއިން ވަކާލާތުކުރަމުންދާ ކުރުމަށް ޕާކިސްތާނުގެ ފުރިހަމަ ތާއީދު އޮތްކަން ބޮޑުވަޒީރު ތަކުރާރު ކުރެއްވިއެވެ. އަދި ޖައްމޫ އަދި ކަޝްމީރުގެ މައްސަލައަށް އދ. ގެ ގަރާރުތަކާ އެއްގޮތަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިންޑަސް ކޯރުގެ ފެނުގެ ވަސީލަތްތައް ސިޔާސީ ހަތިޔާރަކަށް ނެހެދުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައީސް ޑރ. މުއިއްޒުގެ މި ތާރީޚީ ޒިޔާރަތަކީ ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމަށް އައު ރޫހެއް ގެނެސްދީ، އިގްތިސާދީ ގޮތުން ދެ ގައުމުގެ ރައްޔިތުންނަށްވެސް އޭގެ އެދެވޭ މަންފާ ކުރާނެ އައު ބާބެއްގެ ފެށުން ކަމުގައި ސިފަކުރައްވަމުންނެވެ.