ޚަބަރު
ޕާކިސްތާނުން ރައީސްއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފި
ރައީސްއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވުން - ފޮޓޯ: އެމްއެމްޓީވީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިޔާސީ ދާއިރާއިންނާއި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތައް ބަލައިގަނެ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފިއެވެ.
މި ޝަރަފު ރައީސް އަށް އަރުވާފައިވަނީ އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް ޑރ. މުޢިއްޒަށް މި އޮނަރަރީ ޑޮކްޓަރޭޓް އެރުއްވީ، އެ ޔުނިވަރސިޓީގެ ނައިބު ރައީސް ޕްރޮފެސަރ ޑރ. ނަދީމް އަޙްމަދު ޝެއިޚެވެ.
މި ރަސްމިއްޔާތުގައި ފާހަގަކުރެވުނު ގޮތުގައި، މި މަތިވެރި ޝަރަފު ރައީސް އަށް އެރުވުމަށް އެ ޔުނިވަރސިޓީން ނިންމީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެމަނިކުފާނު ވެދެއްވާފައިވާ އަގުހުރި ހިއްސާއަށާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ ތަމްސީލުކުރެއްވުމުގައި އެމަނިކުފާނު ދައްކަވަމުން ގެންދަވާ ލީޑަރޝިޕް އަދި އެކި ދާއިރާތަކުން ޤައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މިއީ ރައީސް ޑރ. މުޢިއްޒަށް މިފަދަ ޝަރަފުވެރި އެވޯޑެއް އެރުވުނު ދެވަނަ ފަހަރެވެ. އެގޮތުން، މިދިޔަ އަހަރު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ވަނީ އިސްލާމިކް ލީޑާޝިޕާއި މަދަނީ ތަރައްޤީގެ ދާއިރާއިން އެމަނިކުފާނަށް 'އޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އޮފް ފިލޯސަފީ' އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ދަތުރުފުޅެކެވެ. އެގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން 20 ދާއިރާއަކުން މިއަދު ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.