ޚަބަރު
ފިނި މޫސުމާ ދިމާކޮށް ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޓާމިނަލް 2 އަށް ބަދަލުކުރަނީ
ެވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު..
ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ގުޅުވައިގެން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް (ވީއައިއޭ) އިން ޚިދުމަތް ހޯދާ ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ޓާމިނަލް 2 އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.
އެމްއޭސީއެލް އިން ވިދާޅުވީ، މި އިންތިޒާމުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚިދުމަތް ދެވިގެންދާނެ ކަމަށެވެ. އަދި ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ދަތުރުވެރިންނަށް ލުއިފަސޭހަ މާހައުލެއް ޤާއިމުވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
މި މަހުގެ 25 އިން ފެށިގެން މުޅި ވިންޓަރ ސީޒަނުގައި ޓާމިނަލް 2 އިން ޗެކްއިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެއާލައިންތަކަކީ:
- އިޓަލީގެ ނިއޯސް
- އޭރޯފްލޮޓް
- ޔޫއެސް-ބަންގްލާ އެއަރލައިންސް
- އުޒްބެކިސްޓާނުގެ ސެންޓްރަމް އެއަރ
- ރަޝިޔާގެ އަޒުރް އެއަރ
- ސައިބީރިއާގެ އެސް ސެވަން އެއަރލައިންސް
- އަރުމީނިއާގެ ޝިރަކް އަވިއާ
- ކުވައިތު އެއަރވޭސް
- ބަލްގޭރިއާގެ ގުލިވް އެއަރ
- ފްރެންޗް ބީ
ކުރިން ބައިނަލްއަޤްވާމީ އުދުހުންތަކަށް ޚާއްޞަކޮށްފައި އޮތް ޓާމިނަލް 2 ގެ ފެންވަރު މަތިކޮށް، ޒަމާނީ ބަދަލުތަކަކާއެކު އެތެރޭގެ އުދުހުންތަކަށް ޚިދުމަތް ދޭން ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގައެވެ. 27 ޗެކްއިން ކައުންޓަރާއި އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ޚިދުމަތްތަކާއި، ނަމާދުކުރާ ކޮޓަރި އަދި ކުޑަކުދިން ކުޅޭނެ ޚާއްޞަ ސަރަޙައްދެއް މި ޓާމިނަލުގައި ވަނީ ޤާއިމުކޮށްފައެވެ.
އެމްއޭސީއެލް އިން ވަނީ މި 10 އެއާލައިނުން ފުރާ ދަތުރުވެރިން ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ދިޔުމަށާއި، ފުރުމުގެ އިންތިޒާމުތައް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ދިޔުމަށް އިލްތިމާސްކޮށްފައެވެ.