ޚަބަރު
ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގައި އައު ޞަފްޙާއެއް ހުޅުވިއްޖެ: ރައީސް ޑރ. މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: އެމްއެމް
ވޭތުވެދިޔަ 60 އަހަރު ދުވަހުގެ އެކުވެރިކަމުގެ ބިންގަލުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގައި އައު ޞަފްޙާއެއް ހުޅުވައި، ގުޅުމުގެ އައު ދައުރެއް ބިނާކުރުމަށް އެއްބަސްވެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ ފަސްދޮޅަސް އަހަރު ދުވަހު ޕާކިސްތާނު ދެމިއޮތީ ރާއްޖޭގެ އިތުބާރު ހިފޭ އެކުވެރިއެއްގެ ގޮތުގައި ކަމަށެވެ.
އަދި ދެ ޤައުމުގެ ދެމެދުގައި ފެށުނު މި އައު ދައުރަކީ ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތަކާއި، އިތުރު ފާގަތިކަމާއި، އަދި އިތުރު މަންފާތަކެއް ގެނެސްދޭނެ ދައުރެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މަޝްވަރާތައް ނިންމަވައިލެއްވީ ދެ ޤައުމުގެ ގުޅުމުގެ މުސްތަޤްބަލާ މެދު އައު އިތުބާރަކާއި ޔަޤީންކަމަކާ އެކުގައި ކަމަށެވެ.
އަޅުގަނޑުމެންނަށް އެއްބަސްވެވުނު ކަންކަމުގެ ސަބަބުން އަޅުގަނޑުމެންގެ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުމުގެ އައު މަގުތައް ހުޅުވި، އަދި އަޅުގަނޑުމެންގެ އެކުވެރިކަމާއި ބައިވެރިކަން އިތުރު އުސްމިންތަކަކަށް އުފުލިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް،
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ދިވެހި ވަފުދަށް ޕާކިސްތާނުން އަދާކުރި ހޫނު މަރުޙަބާއަށާއި އަދި ދެއްވި ޚާއްޞަ މެހެމާންދާރީއަށްޓަކައި ބޮޑުވަޒީރު ޝަރީފަށާއި އެ ޤައުމުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއިން އެފަދަ ހޫނު މަރުޙަބާއެއް އަދާކުރުމުގެ އުފާ ލިބިގެންދާނެ ދުވަހަކަށް އިންތިޒާރުކުރައްވާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރު ޝަރީފަށް ރާއްޖެ ވަޑައިގަތުމަށް ވަނީ ދަޢުވަތު އަރުވާފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ދެ ޤައުމުގެ އެކުވެރިކަން ކުރިއަށް އޮތް ޖީލުތަކަށް ދެމިގެންދާ ގޮތުގައި ފޯދި ފޯދި އޮތުމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ. އަދި ”މުސްތަޤްބަލަކީ ހަމަކަށަވަރުންވެސް އުޖާލާ މުސްތަޤްބަލެއްކަން މިހާރު އަޅުގަނޑުމެންނަށް އެބަ ފެނޭ،“ ކަމަށް ވިދާޅުވެ، އުރުދޫ ބަހުން ޝުކުރު އަދާކުރެއްވިއެވެ.