ޚަބަރު
ޕާކިސްތާނަށް ސީދާ ދަތުރުތައް ފެށުމުން ފަތުރުވެރިކަމަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ: ރައީސް
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް މަޝްވަރާކުރުން..
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށިގެން ދިއުމަކީ ދެޤައުމުގެ ފަތުރުވެރިކަމަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ، މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފާއެކު ދެއްވި ގުޅިފައިވާ ބަޔާނުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ފުޅާކުރުމަށާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށާއި ގުޅުން ބަދަހިކުރުމަށް އެޅެނީ ރަނގަޅު މިސްރާބަށް އެޅޭ ހަރުދަނާ ފިޔަވަޅެއްކަން ފާހަގަކުރައްވައި، ސީދާ ދަތުރުތައް ފެށުމާ ގުޅޭގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތަކާމެދު ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، ދެޤައުމުގެ ދެމެދުގައި ހިއްޞާކުރެވޭ އެއްގޮތް އަގުތަކާއި ތަޖުރިބާތަކުގެ ސަބަބުން ހަލާލް އަދި މުސްލިމް-ފްރެންޑްލީ ފަތުރުވެރިކަމުގައި ބޮޑެތި ފުރުޞަތުތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމާ ގުޅޭގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތަކާމެދު އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން. ސީދާ ދަތުރުތައް ފެށިގެން ދިއުމަކީ ޝައްކެއްވެސްނެތްގޮތުގައި ފަތުރުވެރިކަމަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެއް"
ރައީސް ވިދާޅުވިއެވެ.
ދެޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމަކީ ދެޤައުމުގެ ވިޔަފާރިވެރިންނާއި، އީޖާދުވެރިން އަދި އައު އުފެއްދުންތައް އުފައްދާ ފަރާތްތައް އެއްތަނަކަށް ޖަމާކޮށްދޭނެ މުހިންމު ފުރުޞަތެއް ކަމަށެވެ. އަދި މިއީ ދެޤައުމުގެ ރަޙްމަތްތެރިކަން ދެފަރާތަށްވެސް ފައިދާހުރި އިންވެސްޓްމަންޓްތަކަކަށާއި ޕާޓްނަޝިޕްތަކަކަށް ބަދަލުކޮށްލުމަށް ލިބޭނެ ފުރުޞަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރާއެކު ބޭއްވި މަޝްވަރާތަކުގައި ދެޤައުމުގެ ޒުވާނުންނަށާއި އަންނަން އޮތް ޖީލަށް ޚާއްޞަ އިސްކަމެއް ދެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ޒަމާނުއްސުރެ ދިވެހި ދަރިވަރުންނަށާއި، އެތުލީޓުންނަށާއި، ކޯޗުން އަދި ޒުވާން ޕްރޮފެޝަނަލުންނަށް ޕާކިސްތާނުން ސްކޮލަރޝިޕްތަކާއި އަގުހުރި ތަމްރީނު ފުރުޞަތުތައް ފަހިކޮށްދެމުންދާތީ އެކަން އިޚްލާޞްތެރިކަމާއެކު ބަލައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ޒުވާނުންނަށް ހުރި ފުރުޞަތުތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޒުވާނުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ވަރުގަދަކުރުމަށާއި، ހުނަރު ތަރައްޤީކުރުމާއި، ވިޔަފާރިވެރިކަމާއި، އީޖާދީ މަސައްކަތްތަކާއި އަދި ލީޑަރޝިޕްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލައިޒޭޝަން އަދި ކުރިމަގުގެ ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ކުރިއަށް އޮތް ޖީލަކީ މުސްތަޤްބަލަށް ތައްޔާރުވެފައިވާ އަދި އެ މުސްތަޤްބަލު ބައްޓަންކުރުމަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.