ޚަބަރު
މިއީ މީހުން ބިނާކުރުމަށާއި ޤައުމުގެ މުސްތަޤުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް: ރައީސް
ރައީސުލްޖުމްހޫރިއްޔާއާއިޕާކިސްތާނުގެ ބޮޑު ވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު ކުރެއްވި މަޝްވަރާގެ ތެރެއިން...
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވެވުނު އެއްބަސްވުންތަކަކީ ހަމައެކަނި މުއައްސަސާތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކެއް ނޫން ކަމަށާއި، އެއީ މީހުން ބިނާކުރުމަށާއި ޤައުމުގެ މުސްތަޤުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ޞިއްޙީ ދާއިރާއިން ދިވެހި ދަރިވަރުންނާއި ފަންނުވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ވަނީ މުހިންމު މަޝްވަރާތަކެއް ކުރެވިފައެވެ. މީގެ ތެރޭގައި ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމްގެ ދަށުން އެމް.ބީ.ބީ.އެސް ގެ ޖާގަތައް އިތުރުކުރުމާއި، މެޑިސިން ހަދައިގެން ނުކުންނަ ދިވެހި ދަސްވެނިންނަށް ޕާކިސްތާނުގައި މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތުތައް ހޯދައިދިނުން ހިމެނެއެވެ. ރައީސް ވިދާޅުވީ މިއީ ޢިލްމާއި ހުނަރަށާއި، ރާއްޖޭގެ މުސްތަޤުބަލުގެ ޤާބިލުކަން އިތުރުކުރުމަށް އެޅޭ ބޮޑު ބާރެއް ކަމަށެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެއީ ރާއްޖެއަށް ހަމައެކަނި ތިމާވެށީގެ ތަޞައްވުރީ ކަންބޮޑުވުމެއް ނޫން ކަމަށާއި، ރާއްޖޭގެ ސަލާމަތާއި، ތަރައްޤީ އަދި މުސްތަޤުބަލަށް އޮތް ސީދާ ގޮންޖެހުމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމާއި، އިއާދަކުރަނިވި ހަކަތައާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ޕާކިސްތާނާއެކު އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް މަރުޙަބާ ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް ޕާކިސްތާނުން ވެދޭނެ ކަމަށް އިޢުލާންކުރި އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"މިއީ ހަމައެކަނި މުއައްސަސާތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކެއް ނޫން. މިއީ މީހުން ބިނާކުރުމަށާއި، ޢިލްމާއި ހުނަރަށާއި، އަދި އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލުގެ ޤާބިލުކަމަށް ކުރެވޭ އިންވެސްޓްމަންޓްތަކެއް."
ރައީސް ވިދާޅުވިއެވެ.
މަޝްވަރާތަކުގައި ފުލުހުންގެ ޚިދުމަތާއި ޤާނޫނު ތަންފީޒުކުރުމާއި، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ. އަދި އދ. އާއި އޯ.އައި.ސީ ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި ދެ ޤައުމުގެ ޢާންމު މަޞްލަޙަތު ކުރިއެރުވުމަށް އެއްބަސްވެވުނުއިރު، ސާކް (SAARC) ގެ ޙަރަކާތްތައް އަލުން ދިރުވައި އާލާކުރުމުގައި އިސްނަގައިގެން ބިނާކުރަނިވި ދައުރެއް އަދާކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަން ރައީސް ހާމަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ މަސްރަޙަށް އަލިއަޅުއްވާލައްވަމުން، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން ފަލަސްޠީނުގެ ދަޢުލަތެއް ޤާއިމުކުރުމަށް އެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤަށް ރާއްޖޭގެ ފުރިހަމަ ތާޢީދު އޮތްކަން ރައީސް ތަކުރާރުކުރެއްވިއެވެ. އަދި މެދުއިރުމަތީގެ މަސްރަޙު ފިނިކުރުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ވަނީ ތަޢުރީފުކުރައްވާފައެވެ.
ވޭތުވެދިޔަ 60 އަހަރު ދުވަހުގެ ބަދަހި އެކުވެރިކަމުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުގެ ގުޅުމުގައި އައު ޞަފްޙާއެއް ހުޅުވިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން، ދެއްވި ހޫނު މެހެމާންދާރީއަށް ބޮޑުވަޒީރު ޝަރީފަށާއި ޕާކިސްތާނުގެ ރައްޔިތުންނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ބޮޑުވަޒީރު ޝަރީފަށް ރާއްޖެއިން މަރުޙަބާ ދެންނެވުމުގެ އުފާ ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.