ޚަބަރު
ފެލިދޫ ހޮސްޕިޓަލުގެ ބިންގަލުގެ މަސައްކަތް ބާރަށް ކުރިއަށް
ފެލިދޫ ހޮސްޕިޓަލްގެ ބިންގަލުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ވ. ފެލިދޫގައި ސަރުކާރުން އަލަށް ޢިމާރާތްކުރާ 30 އެނދުގެ އައު ހޮސްޕިޓަލުގެ މައި ޢިމާރާތުގެ ފުޓިންގް ޝަޓަރިންގ އަދި ރީއިންފޯސްމަންޓްގެ މަސައްކަތްތައް ސައިޓުގައި މިހާރު ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 105 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ. މިއީ ވ. އަތޮޅުގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ގްރޭޑް 1 ގެ ހޮސްޕިޓަލެއްގެ ފެންވަރަށް މަތިކޮށް، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް އަތޮޅު ފެންވަރުގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައި ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެ ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި ހޮސްޕިޓަލް ތަރައްޤީކުރެވި ޚިދުމަތް ދޭން ފެށުމުން، ވ. އަތޮޅުގެ ރައްޔިތުން ޒަރޫރީ އަދި ޚާއްޞަ ޞިއްޙީ ފަރުވާތަކަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ސިޒޭރިއަން ފަދަ މުހިންމު އަދި ކުއްލި ސާޖަރީތަކުގެ ޚިދުމަތް މި ހޮސްޕިޓަލުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެއިތުރުން ހޮސްޕިޓަލް ނިމި ބޭނުންކުރަން ފެށުމާއެކު، ޚާއްޞަ ޑޮކްޓަރުން ކޮންމެ މަހަކު ރޮޓޭޝަން އުޞޫލުން އަތޮޅުގެ ރަށްރަށުގައި ބަލިމީހުން ބެލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ރާވާފައެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ކުރިއަށްދަނީ ޢިމާރާތުގެ ބިންގަލުގެ ކޮންކްރީޓް މަސައްކަތްތަކުގެ މަރުޙަލާއެވެ. އަދި ތާވަލާ އެއްގޮތަށް ހޮސްޕިޓަލުގެ މަސައްކަތްތައް ނިންމުމަށްޓަކައި ސައިޓުގައި މެދުކެނޑުމެއްނެތި މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ.