ޚަބަރު
ފަސްޓް ލޭޑީ ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓްއަށް ޒިޔާރަތްކުރައްވައިފި
ފަސްޓް ލޭޑީ ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓްއަށް ޒިޔާރަތްކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެން.އައި.އެޗް) އަށް ޒިޔާރަތްކުރައްވައިފިއެވެ.
އެކަމަނާ މި އިންސްޓިޓިއުޓަށް ޒިޔާރަތްކުރައްވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ އިންސްޓިޓިއުޓުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާއި ޚިދުމަތްތައް ތަފްޞީލުކޮށް ބައްލަވާލައްވާފައެވެ. އަދި ޞިއްޙީ ދާއިރާއިން އެ މަރުކަޒުން ކުރަމުން އަންނަ ޢިލްމީ ދިރާސާތަކާއި، ބަލިތައް ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން އެކަމަނާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.
ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަކީ އެ ޤައުމުގެ ޞިއްޙީ ދާއިރާގެ އެންމެ އިސް އަދި އެންމެ މުހިންމު މުއައްސަސާއެވެ. 1965 ވަނަ އަހަރު ޤާއިމުކުރި މި މަރުކަޒަކީ ޕާކިސްތާނުގައި ބަލިތައް ފެތުރޭ މިންވަރު ދެނެގަނެ ބެލެހެއްޓުމާއި، އެކި ބަލިތަކަށް ބޭނުންވާ ވެކްސިން އުފެއްދުމާއި، ލެބޯޓްރީ ތަޙުލީލުތައް މެދުވެރިކޮށް ބަލިތައް ދެނެގަތުމުގެ ޚިދުމަތް ދިނުމުގެ އިތުރުން، ޢާންމު ޞިއްޙަތާ ގުޅުންހުރި މުހިންމު ދިރާސާތައް ކުރަމުން އަންނަ ޤައުމީ މަރުކަޒެކެވެ.