ޚަބަރު
ކުމުންދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި
ކުމުންދޫ ފުލުހުންގެ މަރުކަޒު ހުޅުވުން / ފޮޓޯ: ފުލުހުންގެ އިދާރާ
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، ހދ. ކުމުންދޫގައި އަލަށް ޢިމާރާތްކުރި ޕޮލިސް ސްޓޭޝަން ހުޅުވައި އެ ރަށުގައި ޚިދުމަތް ދޭން ފަށައިފިއެވެ.
މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ކުމުންދޫ ކައުންސިލްގެ ރައީސް ޢަލީ ޤާސިމެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރިންގެ ތެރޭގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ މުއައްސަސާގެ އިސް އޮފިސަރުންގެ އިތުރުން ރަށު ކައުންސިލްގެ މެންބަރުންނާއި އެކި އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިވެންޓުގެ ތެރެއިން އައު މަރުކަޒުގެ ގޯތިތެރެ ފެހިކުރުމުގެ ގޮތުން ޚާއްޞަ ގަސްއިންދުމުގެ ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުމުންދޫގައި ތަރައްޤީކުރި މި ޕޮލިސް ސްޓޭޝަނަކީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު ބިންގާ އަޅައިގެން މަސައްކަތް ފެށި ޢިމާރާތެކެވެ. ރައްޔިތުންނާ ގާތުން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޤާއިމުކުރެވުނު މި މަރުކަޒާއެކު، ކުމުންދޫގެ އަމާންކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެއެވެ.