ޚަބަރު
ހުޅުޖަހަން ގޮވާލި މައްސަލައިގައި ބަންދުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
ހަސަން ޒިހާން---
ދައުލަތުގެ ތިން ބާރު ހިންގާ މައި އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޏ. ފުވައްމުލައް، ދަޑިމަގު، އަނޯނާގެ، އުމުރުން 29 އަހަރުގެ ހަސަން ޒިހާންއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ޒިހާން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކުން ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ޒިހާން ހައްޔަރުކޮށްފައިވަނީ ދައުލަތުގެ ތިން ބާރު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓު ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކުރުމާ ގުޅިގެންނެވެ. އެ ޕޯސްޓް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން، ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލާފައެވެ.
އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ މިފަދަ ކަންކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.