Ads by Farudhun

ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ: މޫސުމާ ބެހޭ އިދާރާ

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ: މޫސުމާ ބެހޭ އިދާރާ

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި / ފޮޓޯ: އެޓޯލް ޓައިމްސް

farudhun logo

ފަރުދުން

21 އޮކްޓޯބަރު 2026، 09:36

21 އޮކްޓޯބަރު 2026، 09:36

ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ އިތުރުން، ރާއްޖެއާ ކައިރިން އުފެދިފައިވާ ދެ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އެގޮތުން ޢަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ މި ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ވިއްސާރަ ވިލާތައް ދަނީ ރާއްޖޭގެ އަތޮޅުތަކުގެ މައްޗަށް ޖެހެމުންނެވެ. މީގެއިތުރުން، ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ވިއްސާރައިގައި ވެރިރަށް މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވަމުން ދާތީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ހަމައެއާއެކު، މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ މުހިންމު އިރުޝާދުތަކެއް ނެރެފައެވެ. އެގޮތުން، ފެންބޮޑުވާ ހާލަތްތަކުގައި ގޭގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމަށާއި، ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެއްޗާއި ހިފާ ގެންގުޅޭ ސާމާނު ފެނުގެ އަސަރު ނުފޯރާނެ އުސް ތަންތަނަށް ބަދަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވައިގަދަވުމުގެ ސަބަބުން އެއްލާލާފާނެ ފަދަ ތަކެތި ވައު ފަދަ އެއްޗެހި ބޭނުންކޮށްގެން ރަނގަޅަށް ބަނދެ ރައްކާތެރިކުރުމަށާއި، ބޭނުން ނުކުރާ ކަރަންޓު ސާމާނުތައް ނިއްވާލާފައި ބެހެއްޓުމަށްވެސް އެންޑީއެމްއޭއިން ވަނީ އެދިފައެވެ.

މީގެ އިތުރުން، ރަށްރަށުގައި ކާޑުގެ ބާވަތްތަކާއި އެހެނިހެން ޒަރޫރީ ތަކެއްޗަށް ދަތިނުވާނެހެން ދުރާލާ ކަންކަން އިންތިޒާމްކުރުމަށާއި، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދުމަށްވެސް އެންޑީއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450