Ads by Farudhun

ޚަބަރު

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ އިދާރާތަކަކުން އެކުވެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ އިދާރާތަކަކުން އެކުވެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ކުރުން / ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

21 އޮކްޓޯބަރު 2026، 09:53

21 އޮކްޓޯބަރު 2026، 09:53

މާލެއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ދަތިތަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ގިނަ އިދާރާތަކެއް ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ފަށާފައިވާ މި އޮޕަރޭޝަންގައި އެމްއެންޑީއެފް، ދިވެހި ފުލުހުންގެ ޚިދުމަތް، ދިވެހި ރެޑް ކްރެސެންޓް، މާލޭ ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެޗްޑީސީ ފަދަ މުއައްސަސާތަކުން ގުޅިގެން ދަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ.

މި އޮޕަރޭޝަނުގެ ދަށުން، މާލޭގެ މަގުތަކުން ފެން ހިންދުމަށް ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާއިރު، ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާއި، ހާލުގައި ޖެހޭ ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

ވެލި ބަސްތާ ޖެއްސުމުގައި ފުލުހުން ހަރަކާތްތެރި ވަނީ / ފޮޓޯ: ޕޮލިސް

މޫސުން ގޯސްވެ މާލެއަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ބައެއް ގެދޮރަށާއި ފިހާރަތަކަށް ފެންވަދެ މުދަލަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ވަނީ މި ދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ގެތަކަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމާއި، ކަރަންޓުގެ ހާދިސާތަކުން ރައްކާތެރިވުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

އާންމުންގެ ގެދޮރާއި މުދާ ރައްކާތެރިކުރުމަށް އެމްއެންޑީއެފްއިން ހަރަކާތްތެރި ވަނީ / ފޮޓޯ: އެމްއެންޑީއެފް

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، ހާލަތު އާންމު ހާލަތަކަށް ގެނައުމަށްޓަކައި ކަމާގުޅޭ އެންމެހައި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450