Ads by Farudhun

ޚަބަރު

ޕާކިސްތާނުގެ ރައީސް ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

ޕާކިސްތާނުގެ ރައީސް ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

ޕާކިސްތާނުގެ ރައީސް ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

21 އޮކްޓޯބަރު 2026، 10:45

21 އޮކްޓޯބަރު 2026، 10:45

ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި ބޭއްވެވި ރަސްމީ ރޭގަނޑުގެ ފަރިއްކޮޅެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުކުރެއްވުމާއި ފަރިއްކޮޅަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ޝަރަފުގައި ބޭއްވެވި ޚާއްޞަ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެމަނިކުފާނަށާއި، އަނބިކަނބަލުންނަށް، އަދި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ވިދާޅުވި ހޫނު މަރުޙަބާއަށާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ދެކެވުނު އެކުވެރި ވާހަކަތަކުގެ ސަބަބުން، ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ. މިއީ އިސްލާމީ އެއް އަޤީދާއާއި، އެއްގޮތް އާދަކާދަތަކާއި، އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަން އިތުރަށް ހަރުދަނާކޮށް، ދެފަރާތުގެ އެއްބާރުލުން އިތުރުކުރުމަށާއި، ޞުލްޙަމަސަލަސްކަމާއި، ކުރިއެރުމާއި، ތަނަވަސްކަމަށްޓަކައި ދެ ޤައުމުން ގެންގުޅޭ އެއްގޮތް އަމާޒުތައް ޙާޞިލްކުރުމަށް ދެބޭފުޅުންގެ މެދުގައި އެއްބަސްވެވިފައިވާތީ އެކަމުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ޕާކިސްތާނަށް ކުރައްވަމުން މި ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ މަތީ ފަންތީގެ ވެރިއަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450