ޚަބަރު
ފަސްޓްލޭޑީ، ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާނަށް ޒިޔާރަތްކުރައްވައިފި
ފަސްޓްލޭޑީ، ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާނަށް ޒިޔާރަތްކުރެއްވުން--
ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތް ކުރައްވައިފިއެވެ.
އެ އޮތޯރިޓީއަށް އެކަމަނާ ޒިޔާރަތް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އެކަމަނާ ވަނީ، ޕާކިސްތާނުގެ ސިއްޙީ ދާއިރާގެ އެންމެ މައި އިދާރާ ކަމަށްވާ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތްތައް ބައްލަވައިލައްވައި އެ ޤައުމުން ބޭސް ރެގިއުލޭޓް ކުރާގޮތް ބައްލަވާލައްވާފައެވެ. އަދި އާންމު ސިއްޙަތު ކުރިއެރުވުމާ ގުޅޭގޮތުން މި ޒިޔާރަތުގައި ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާނަކީ، 2012 ވަނަ އަހަރުގެ ޑްރެޕް ޤާނޫނުގެ ދަށުން އުފައްދާފައިވާ މުސްތަޤިއްލު އިދާރާއެކެވެ. އިސްލާމްއާބާދުގައި ހުންނަ މި އިދާރާއަކީ، ޕާކިސްތާނުގައި ބޭނުންކުރާ ބޭހާއި، މެޑިކަލް ވަސީލަތްތަކާއި، ޑޮކްޓަރީ ފަރުވާގެ އިތުރަށް އެ ޤައުމުގައި ދޭ ފަރުވާތަކާއި އެ ފަރުވާތައް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ފެންވަރު ބަލަހައްޓާ އިދާރާއެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާނަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ މިފަދަ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
އަދި މިއީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާ މުހިންމު ދަތުރުފުޅެއްކަން ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.