Ads by Farudhun

ޚަބަރު

މާލޭގައި ބޮޑުވި ފެންގަނޑު ހިންދަން އެމްޓީސީސީގެ އެހީތެރިކަން ދީފި

މާލޭގައި ބޮޑުވި ފެންގަނޑު ހިންދަން އެމްޓީސީސީގެ އެހީތެރިކަން ދީފި

މާލެއަށް ވިއްސާރަވެ ފެންބޮޑުވުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޮކްޓޯބަރު 2026، 10:47

22 އޮކްޓޯބަރު 2026، 10:47

މާލެ ސަރަޙައްދަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ އާންމު ދިރިއުޅުމަށް ދަތިތަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، ފެން ހިންދުމުގެ ޚާއްސަ އޮޕަރޭޝަނުގައި އެމްޓީސީސީން އިސްނަގައިގެން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. މި މަސައްކަތުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން 367.82 ޓަނުގެ ފެން ވަނީ ހިންދައިފައެވެ.

އެމްޓީސީސީގެ އެމަޖެންސީ ސާވިސަސްއިން 21 އިން 22 އޮކްޓޫބަރު 2026 އަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، ރޭގަނޑުގެ ވަގުތުތަކުގައި ވެސް މެދުކެނޑުމެއް ނެތި ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން ސޯމިލް ސަރަޙައްދުން 89.72 ޓަނުގެ ފެން، ބޮޑުތަކުރުފާނު މަގު މަސްވެރިންގެ ޕާކު ސަރަޙައްދުން 174.99 ޓަނުގެ ފެން، ހެންވޭރު ފެރީ ޓާމިނަލް ސަރަޙައްދުން 53.03 ޓަނުގެ ފެން އަދި ހުޅުމާލޭ އޮލްޑް ކޭލާ ގެމަތަ ސަރަޙައްދުން 50.08 ޓަނުގެ ފެން ވަނީ ޕަމްޕު ބޭނުންކޮށްގެން ބޭރުކޮށްފައެވެ.

ފެން ހިންދުމުގެ އިތުރުން، ގެތަކަށް ފެން ވަނުން ހުއްޓުވުމަށް ޖަހާ ވެލިބަސްތާތަކަށް ބޭނުންވާ ވެލި ފޯރުކޮށްދިނުމުގެ ގޮތުން، ޑަމްޕް ޓްރަކް ބޭނުންކޮށްގެން ހުޅުމާލެ ފޭސް 2 އިން މާލެއަށް ވެލި އުފުލުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ކޮށްފައެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިންގާ މިފަދަ ކުއްލި ހާލަތްތަކުގެ މަސައްކަތްތަކުގައި އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެއެވެ.

މި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ ބައެއް ގެދޮރަށާއި ފިހާރަތަކަށް ފެންވަދެ މުދަލަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މިކަމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އިސްނެގުމުގެ ދަށުން އެމްއެންޑީއެފް، ދިވެހި ފުލުހުންގެ ޚިދުމަތް، ދިވެހި ރެޑް ކްރެސެންޓް، މާލޭ ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެން ދަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ.

މި އޮޕަރޭޝަނުގެ ދަށުން، ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާއި، ހާލުގައި ޖެހޭ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ފުލުހުންގެ އިދާރާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މަގުމަތީގެ ސަލާމަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަރަންޓުގެ ހާދިސާތަކުން ރައްކާތެރިވުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެތީ، ހާލަތު އާންމު ހާލަތަކަށް ގެނައުމަށްޓަކައި ކަމާގުޅޭ އިދާރާތަކުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450