ޚަބަރު
އެޗްޑީސީއާ ސީޑް އިނިޝިއޭޓިވްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
އެޗްޑީސީއާ ސީޑް އިނީޝިއޭޓިވްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުން. ފޮޓޯ: އެޗްޑީސީ
ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރުންތައް އާލާކުރުމުގެ އިތުރުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީޑް އިނިޝިއޭޓިވްއާ ދެމެދު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ތިމާވެށި ހިމާޔަތްކުރުމަށާއި، އިޖުތިމާއީ އަދި ތައުލީމީ ގޮތުން މީހުން ހޭލުންތެރިކުރުވުމުގެ އެކި ހަރަކާތްތައް މި ދެ ފަރާތް ގުޅިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭ ޗެނަލް ޕާކު ސަރަހައްދާއި ކުޑަގިރި 'ދޫނިޔާ ޑައިވް ރެކް' ގައި މުރަކަ އިންދައި އާލާކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް ސީޑްސްގެ ފަރާތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. އޭގެ ތެރޭގައި ވޮލަންޓިއަރުންގެ ބައިވެރިވުން ހޯދުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގެ ތަފާތު ހަރަކާތްތައް އެ ދެ ސަރަހައްދުގައި ކުރިއަށްގެންދިއުން ހިމެނެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި އެ ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހުޅުމާލެ ތަރައްގީކޮށް، ފަޅާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމެވެ.