ޚަބަރު
ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ
ކޮލަމާފުށީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ.ފޮޓޯ: އެމްޓީސީސީ
ގއ. ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމި، މުޅި މަޝްރޫޢުގެ 86 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ އަމަލީ މަސައްކަތުގެ 97 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
ދައުލަތުގެ ބަޖެޓުން 41.04 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގައި، ޖުމްލަ 9.16 ހެކްޓަރު (ގާތްގަނޑަކަށް 91,600 އަކަމީޓަރު) ގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 284,145 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، މިހާރު ސައިޓުގައި ކުރިއަށްދަނީ ފެންބޮޑުވުން ހުއްޓުވުމަށް ގާއިމުކުރާ 823 މީޓަރުގެ ބަޔޯސްވޭލް (ޑްރެއިނޭޖް) ނިޒާމުގެ މަސައްކަތްތަކެވެ. މި ނިޒާމަކީ ވާރޭފެން ހިންދުމަށާއި، ތިމާވެށީގެ ހަމަހަމަކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ސައިޓުގައި ފަށާފައިވަނީ 3 އެޕްރީލް 2024 ގައެވެ.
އާބާދީގައި ގާތްގަނޑަކަށް 1,600 އެއްހާ މީހުން ދިރިއުޅޭ ކޮލަމާފުށްޓަކީ ޒަމާނުއްސުރެ ބިމުގެ ދަތިކަން ބޮޑުވެފައިވާ ރަށެކެވެ. އެ ރަށުން އެންމެ ފަހުން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2006 ވަނަ އަހަރު ކަމަށްވާއިރު، މި މަޝްރޫޢު ނިމުމުން ކުރިއަށްއޮތް 50 އަހަރަށް ބޭނުންވާ ބިމާއި ބޯހިޔާވަހިކަމުގެ ޖާގަ ލިބިގެންދާނެ ކަމަށް ކައުންސިލުން ލަފާކުރެއެވެ.