ޚަބަރު
ފުލުހުންގެ އުމްރާނީ ތަރައްގީއަށް ދެއްވާ އަހައްމިއްޔަތުކަމަށް ޓަކައި ސީޕީގެ ޝުކުރު ރައީސަށް
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު--
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުލުހުންގެ އުމްރާނީ ތަރައްގީއަށް ދެއްވާ ހާއްސަ އިސްކަމާއި، މަރުކަޒުތައް ނެތް ރަށްރަށުގައި ފުލުހުންގެ އަމިއްލަ ބިމުގައި ޒަމާނީ ވަސީލަތްތަކާއެކު މަރުކަޒުތައް ގާއިމުކުރުމަށް ފައްޓަވާފައިވާ މަޝްރޫއު ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް އިހުލާސްތެރި ޝުކުރު އަދާކުރައްވައިފިއެވެ.
ކޮމިޝަނަރ މިކަން ފާހަގަކުރެއްވީ، ހދ. ކުމުންދޫގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް އިއްޔެ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވައި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އަދި ގައުމީ ދިދަ ނަންގަވައިދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް ޢަލީ ޤާސިމެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި އެ ރަށެއްގައި ތިބޭ ފުލުހުންގެ އަދަދަށްވުރެ މުހިންމީ، ގާނޫނީ ޒިންމާ އަދާކުރުމުގައި ރައްޔިތުންނާ ގުޅިގެން އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކު ހިދުމަތްދީ، ރަށުގެ އަމާން މާހައުލު ދެމެހެއްޓުން ކަމަށެވެ. އަދި ރެކްރޫޓްމަންޓް އިތުރުވަމުންދާ ވަރަކަށް ކުރިއަށް އޮތް ތަނުގައި ކުމުންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަދަދުވެސް އިތުރުކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާޒީގައި އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލް އިދާރާތަކުންނާއި ކުލީ ކޮޓަރިތަކުން ޖާގަ ހޯދައިގެން މަސައްކަތްކުރަން ޖެހުނު ދަތި އުނދަގޫ ތަޖުރިބާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިއަދު ފެށިގެން މިދިޔައީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތަކުގައި ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދެވޭނެ އައު ބާބެއް ކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ. މީގެއިތުރުން، ކުމުންދޫ މަރުކަޒުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ނިންމާލެވުނީ އެ ރަށު ކައުންސިލާއި ރައްޔިތުން މި މަޝްރޫއަށް ދެއްވި ބޮޑު އަހައްމިއްޔަތުކަމާއި އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކުރައްވައި މުޅި މުއައްސަސާގެ ނަމުގައި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
އޮޕަރޭޝަނަލް އިސްކަންދިނުންތައް ހުރި ނަމަވެސް ގާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ކޮމިޝަނަރ ވަނީ، ކުމުންދޫއަކީ އާންމުކޮށް ކުށް މަދު ރަށެއް ނަމަވެސް، ފަރުވާކުޑަނުކޮށް ކޮންމެ ދުވަހަކު ވެސް ފާރަވެރިކަމާއެކު ކުށުގެ ވެށި ކޮންޓްރޯލްކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ރަށުގައި ތިބި ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.
ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވާލައްވަމުން، ފުލުހުންގެ ތަރައްގީގެ މަޝްރޫއުތަކަށާއި ދުވަހުން ދުވަހަށް ބޭނުންވާ ކަންކަމަށް ވަރަށް ގާތުން ބައްލަވައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށްޓަކައި ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރަށް ފުލުހުންގެ ލަނޑުދަނޑިތައް ކަނޑައަޅައި މަސައްކަތްތައް ބައްޓަންކުރުމުގައި، ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކޮށްގެން މުޖުތަމައު ބޭނުންވާ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުމަށް އެދިވަޑައިގެންނެވިއެވެ.