ޚަބަރު
ރަސްމާލޭގެ އެއްވެސް ބިމެއް ދައުލަތުގެ ބާރުގެ ދަށުން ބޭރެއް ނުވާނެ: މުއްތަލިބު
އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްއެމްޓީވީ
ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ހިއްކާ އެއްވެސް ބިމެއްގެ ފުރިހަމަ މިލްކުވެރިކަން ދިވެހި ދައުލަތުގެ ބާރުގެ ދަށުން ބޭރުނުވާނެ ކަމަށާއި، އެ ސަރަހައްދުން ޕްރޮޕަޓީ ގަންނަ އެއްވެސް ފަރާތަކަށް ބިމުގެ މައްޗަށް މުތުލަގު ހައްގެއް ނުލިބޭނެ ކަމުގެ ޔަގީންކަން އުމްރާނީ ތަރައްގީއާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ދެއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރަސްމާލޭގައި އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ "މޯލްޑިވް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން ހިމެނޭ ބިމުގެ ދާއިމީ މިލްކުވެރިޔަކީ ދިވެހި ދައުލަތް ކަމަށެވެ. އެ ކުންފުންޏަށް 99 އަހަރުގެ މުއްދަތަކަށް ބިން ހަވާލުކުރީ އިމާރާތްތަކާއި ވަސީލަތްތައް ގާއިމުކޮށް، އެތަންތަން މެނޭޖުކުރުމަށް ކަމަށްވާއިރު، އެތަނުން ތަންތަން ދޫކުރާނީ ހަމައެކަނި ލީސްހޯލްޑް އުސޫލުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެއްވެސް ފަރާތަކަށް "ފްރީހޯލްޑް" ނުވަތަ ބިމުގެ އަސްލު މިލްކުވެރިކަމުގެ ހައްގެއް ނުލިބޭނެއެވެ.
މި މަޝްރޫއުގެ ތެރެއިން ދައުލަތަށް ލިބިގެންދާނެ މާލީ މަންފާތަކަށް އަލިއަޅުއްވާލައްވަމުން ޑރ. މުއްތަލިބު ވިދާޅުވީ، އީގަލް ހިލްސް އިން އަލަށް އެ ޕްރޮޕަޓީތައް ވިއްކާއިރު، ލިބޭ ޖުމްލަ އާމްދަނީގެ 10 އިންސައްތައިގެ އިތުރުން މުއާމަލާތުގެ އަގުގެ ހަތަރު އިންސައްތަ ސީދާ ދައުލަތަށް ލިބޭނެ ކަމަށެވެ. އަދި އޭގެ ފަހުން ވެސް ޕްރޮޕަޓީއެއް ދެވަނަ ފަރާތަކަށް ވިއްކާ ކޮންމެ ފަހަރަކު، އަގުގެ ހަތަރު އިންސައްތަ ޓްރާންސްފާ ފީއެއްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެ ކަމަށާއި، މިފަދަ ކޮންމެ މުއާމަލާތެއް ހިނގާނީ ސަރުކާރުގެ ފުރިހަމަ ބައިވެރިވުމާއި ހުއްދައާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ އެއްވެސް ހާލަތެއްގައި މީކީ މިދަންނަވާ ގޮތަށް އެތަނުގައި ހުންނަ ޕްރޮޕަޓީއެއްގެ މުއާމަލާތެއް ކުރާއިރުގައި ބިމުގެ ވެރިޔާގެ ހައިސިއްޔަތުން ދައުލަތުން އޭގެ ތެރެއިން އާމްދަނީ ލިބޭ ގޮތަށް ބައިވެރިވަނީ. ދައުލަތުން ބިން ކުއްޔަށްދޭތީ އެނަގާ އާމްދަނީއެއް ނަގާފައި ދައުލަތުން އެ ލީސްހޯލްޑް މިދެނީ ޕްރޮޕަޓީއެއް ވިއްކާއިރު. މާނައަަކީ ޕްރޮޕަަޓީއެއް ގަންނަ މީހަކަށް ފުރުސަތެއް ނޯންނާނޭ އޭނާ ގަންނަ ޕްރޮޕަޓީއެއް އެހެން މީހަކަށް ޓްރާންސްފާކުރާކަށް. ދައުލަތުގެ ހައްގެއް އެއީ. އަދި އޭނާއަށް ނޯންނާނެ އެ ލީސް ޕާޕެޗުއަލީ (ނިމުމެއް ނެތް ގޮތަށް) ރިނިއުކުރުމުގެ ހައްގެއްވެސް،"
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އެތަނުން ޕްރޮޕަޓީ ގަންނަ އެއްވެސް މީހަކަށް އަމިއްލަ އިހުތިޔާރުގައި އެހެން ފަރާތަކަށް މިލްކިއްޔާތު ބަދަލުކުރުމުގެ ބާރެއް ނޯންނާނެއެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އަމިއްލައަށް ނިމުމެއް ނެތް ގޮތަށް މުއްދަތު އިތުރުކުރުމުގެ (ޕާޕެޗުއަލީ ރިނިއުކުރުމުގެ) އެއްވެސް ހައްގެއް ވެސް ނޯންނާނެއެވެ. އެހެން ފަރާތަކަށް ތަން ވިއްކޭނީ ވެސް ދައުލަތުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުން އެކަމަށް ހުއްދަ ދޭ ފަރާތްތަކަށް އެކަންޏެވެ. އެހެންކަމުން މިއީ ކޮންމެ ފަހަރަކު ވެސް ދައުލަތުގެ ބާރާއި ކޮންޓްރޯލް ހިނގާ ގޮތަށް ކުރިއަށްދާ އައު މުއާމަލާތެކެވެ.
"އޭގެ މާނައަކީ ކޮންމެ ފަހަަރަކު މިހިނގަނީ އައު މުއާމަލާތެކޭ. ވިއްކާ ފަރާތަކަށްވެސް އެބްސޮލޫޓް ރައިޓްއެއް ނޯންނާނޭ ބޭނުން މީހަކަށް ވިއްކުމަށް. ގަންނަ މީހަކަަށްވެސް ނޯންނާނޭ ފްރީ ހޯލްޑް އުސޫލުން އެހެން މީހެއްގެ މުދަލެއް ގަތުމުގެ ފުރުސަތެއް. އެހެންވީމާ މިއީ ދައުލަތުން ބައިވެރިވެގެން ދައުލަތުގެ އެޕްރޫވަލް ހިނގާ މުއާމަލާތްތަކެކޭ،"
ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، އެ ސަރަހައްދުގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އެންމެ ފުރިހަމައަށް އޮންނާނެކަން ކަށަވަރުކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، ރަސްމާލެއިން ޕްރޮޕަޓީއެއް ގަނެފައިވާ ބޭރުގެ ރައްޔިތެއްގެ ވިސާ ދައުލަތުން ބާތިލުކޮށްފި ހާލަތެއްގައި، އޭނާ ވަގުތުން ރާއްޖެއިން ފުރައިގެން ދާންޖެހޭނެ ކަމަށެވެ.
އަދި އެތަނުގައި މާލީ ގޮތުން ނުވަތަ އިމާރާތުގެ ގޮތުން މިލްކިއްޔާތެއް އޮތް ނަމަވެސް، ރާއްޖޭގައި ވަޒަންވެރިވެ ހުރެވޭނީ އިމިގްރޭޝަންގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެކަމުގެ ހުއްދަ އޮންނަ މިންވަރަކަށް ކަމުގައި ވަޒީރު ޑރ. މުއްތަލިބު ވަނީ ވިދާޅުވެފައެވެ.