ޚަބަރު
އިންޒެކް 2026: ފުރަތަމަ ސެޝަންގެ ޕެނަލިސްޓުން ޒަކާތު ހައުސްއިން ހާމަކޮށްފި
އިންޒެކް 2026ގެ ޕެނަލިސްޓުން
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ފުރަތަމަ ސެޝަންގެ ޕެނަލިސްޓުން މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާނުކޮށްފިއެވެ. މި ކޮންފަރެންސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 28 ވާ ބުދަ ދުވަހު އިސްލާމީ މަރުކަޒުގައެވެ.
ކޮންފަރެންސްގެ ފުރަތަމަ ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 'ނާޒުކު ޙާލަތަށް ވާޞިލުކޮށްދޭ ކަންކަމުގެ ސިލްސިލާ ދެނެގަތުން: މާލީ ދަތިތަކުން އިޖުތިމާއީ އެކަހެރިކަމަށް ވާޞިލުވާ ގޮތް ދިރާސާކުރުން' މި މައުޟޫޢުގެ ދަށުންނެވެ. މި ސެޝަންގައި، ކުއްލި ގޮތަކަށް ދިމާވާ ޞިއްޙީ ޙާލަތްތަކާއި ދަރަނީގެ ދަންތުރަ ފަދަ ކަންކަމުގެ ސަބަބުން މެދުފަންތީގެ ޢާއިލާތައް ފަޤީރުކަމުގެ ތެރެއަށް ވެއްޓިގެންދާ ސަބަބުތަކާ ގުޅޭގޮތުން އިޖުތިމާޢީ އަދި އިޤުތިޞާދީ ދާއިރާގެ މާހިރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެއެވެ.
މި ސެޝަންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޑިރެކްޓަރ ޖެނެރަލް ސުނީތާ ޢަބްދުﷲ އާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ އަދި ޑިރެކްޓަރ އޮފް ރިއަލް އެސްޓޭޓް މެނޭޖްމަންޓް އަޙްމަދު އަސްލަމްގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންކްލޫޝަން ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރ ތާއިފް އަޙްމަދު ރުޝްދީއެވެ. މި މަޝްވަރާތައް މޮޑެރޭޓްކުރެއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޒަކާތު ޢާމިލް، މަރިޔަމް މާޝާ މުޞްޠަފާއެވެ.
އެކި ދާއިރާތަކުގެ ތަޞައްވުރުތައް އެއްތަންކޮށްދޭ މި ސެޝަން މެދުވެރިކޮށް، މާލީ ދަތިކަމާއި އިޖުތިމާޢީ ނާޒުކުކަމާ ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައި، މާލީ ގޮންޖެހުންތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކުގެ ދަތިތައް ދެނެގަތުމުގެ މުހިންމުކަން ހާމަކޮށްދިނުމަށް ވަނީ އަމާޒުހިފާފައެވެ.
އިންޒެކް 2026 ކުރިއަށްދާނީ މައިގަނޑު ތިން މައުޟޫޢަކަށް ބަހާލައިގެންނެވެ. ކޮންމެ ސެޝަނެއްގައިވެސް ކީނޯޓް އެޑްރެހަކަށް ފަހު ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާނެއެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ ޒަކާތާއި އިސްލާމީ އިޖުތިމާޢީ މާލިއްޔަތާ ގުޅުންހުރި ޒަމާނީ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، މުޖުތަމަޢުގެ ނާޒުކު ހާލަތްތަކަށް ހައްލު ހޯދުމާއި އިޤްތިޞާދީ ވިލުންތެރިކަން ވަރުގަދަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމެވެ.
މި ކޮންފަރެންސް 28 އޮކްޓޫބަރު 2026 ގެ ހެނދުނު 8:30 އިން ރޭގަނޑު 7:00 އަށް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ބާކީ ހުރި ސެޝަންތަކުގެ ޕެނަލިސްޓުން ކުރިއަށް އޮތް ދުވަސްތަކުގައި އިޢުލާނުކުރާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ.