ޚަބަރު
މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް
މާކުރަތު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ރ. މާކުރަތު ބަނދަރު ބޮޑުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ މާކުރަތުގެ ފަޅުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް، އޮޑިދޯނި ފަހަރު އަޅާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ ބަނދަރުގެ ހިލަ ޕްރޮފައިލް ކުރުމާއި ބޭރުތޮށި "އޭ" ގެ ޕްރޮފައިލިންގ މަސައްކަތްތަކެވެ. އަދި ބަނދަރުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، އައު ބަނދަރު ފުންކުރުމުގެ މައިގަނޑު މަސައްކަތްތަކާއި ޕޭވްމަންޓް އެޅުމުގެ ބައެއް މަސައްކަތްތައް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. ސޯޝަލް މީޑިއާގައި ބައެއް މަޢުލޫމާތުތައް އޮޅޭގޮތަށް ދައުރުވި ނަމަވެސް، ޖެޓީ ކޮންކްރީޓް ކޮލަމް ޖެހުމުގެ މަސައްކަތަކީ ކ. ހުރާ ބަނދަރު މަޝްރޫޢުގައި ހިމެނޭ މަސައްކަތެއް ކަމަށާއި މާކުރަތު ބަނދަރުގެ މަސައްކަތްތައް ކުރިއަށްދަނީ އެ ރަށަށް ޚާއްޞަ ކުރެވިފައިވާ ސްކޯޕާ އެއްގޮތަށް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 26.67 މިލިއަން ދިވެހި ރުފިޔާއެވެ. މި މަސައްކަތް ޢަމަލީގޮތުން ފެށުމަށްޓަކައި 20 މޭ 2022 ގައި ސައިޓް ވަނީ މޮބިލައިޒް ކޮށްފައެވެ.

މަޝްރޫޢުގެ މައިގަނޑު މަސައްކަތްތައް
މާކުރަތު ބަނދަރު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ:
- 45,024 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ބަނދަރު ފުންކުރުމާއި، ކުރިން އޮތް ބަނދަރުގެ ސަރަޙައްދު އަލުން ފުންކުރުން.
- 140 މީޓަރުގެ ދިގުމިނުގެ ބޭރުތޮށްޓެއް ޤާއިމުކުރުން.
- 129 މީޓަރުގެ އެއްގަމުތޮށްޓެއް ލުމާއި، 85 މީޓަރުގެ ރިވެޓްމެންޓް އަދި 28 މީޓަރުގެ ގްރޮއިން ޖެހުން.
- 641 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން.
26 މޫރިންގ ރިންގާއި 5 މޫރިންގ ބޮއި ހަރުކުރުމުގެ އިތުރުން 9 މަގުބައްތި ޖެހުން.
މި މަޝްރޫޢުގެ މަސައްކަތްތައް ނިމުމުން، މާކުރަތުގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.