ޚަބަރު
ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި
މާލެ އަށް ވިއްސާރަކުރި ދުވަހެއް. ފޮޓޯ: ސަަން
ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.
އެ އިދާރާއިން ވިދާޅުވި ގޮތުގައި ހުކުރު އަދި ހޮނިހިރު މި ދެ ދުވަހު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އެހެން އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ދެ ސަރަހައްދަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ވެސް ނެރެފައެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 14:00 އިން 20:00 އަށެވެ. އަދި ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 15:30 އިން 21:00 އަށެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.